09 Sep 2010, 11:31
ޑިރެކްޓަރުންގެ މެދުގައި އުފެދުނު ހިޔާލުތަފާތުމާއި ދެބަސްވުންތައް އެއް ފަރާތް ކުރުމަށް ފަހު ސުލްހަވަރިކަމާ އެކު އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ނިންމައި މި މަހު 23 ގައި ޖަލްސާ ބޭއްވުމަށް ނޯޓިސް ނެރެފި އެވެ.
މިއަދު ނެރުނު ނޯޓިހުގައި ބުނާ ގޮތުން ހަތަރު ވަނަ އަހަރީ އާންމު ޖަލްސާ ބާއްވާނީ މި މަހުގެ 23 ވަނަ ދުވަހުގެ ރޭ 9:00 ޖަހާއިރު އިމާދުއްދީން ސްކޫލްގަ އެވެ. ރަޖިސްޓްރޭޝަން އެރޭ އަށެއްޖަހާއިރު ކުރިޔަށްދާނެ ކަމަށްވެސް ނޯޓިހުގައިވެ އެވެ.
ޑިރެކްޓަރުންގެ މެދުގައި އަރައިރުންތައް އުފެދުމާ ހަމައިން ނުބޭއްވި ދިގުލައިގެން ގޮސްފައިވާ އަހަރީ އާންމު ޖަލްސާއާ ބެހޭ ގޮތުން މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު މިއަދު ވިދާޅުވީ ޑިރެކްޓަރުން މެދުގައި ޖަލްސާއެއް ބޭއްވި ސުލްހަވެރި ކަމާ އެކު މައްސަލަތައް ހައްލުކުރަން ވާހަކަ ދެކެވެމުން ދެފަރާތުގެ މެދުގައި މިހާތަނަށް އުފެދިފައި އޮތް ނުތަނަވަސްކަން ފިލައިގެން ގޮސްފައިވާ ކަމަށެވެ.
"ޖަލްސާގައި ދެފަރާތުން ވެސް އެއްބަސްވީ ޖަލްސާ ކުރިޔަށް ގެންދިއުމަށް. އެ ގޮތަށް ސުލްހެވެރިކަމާ އެކު ވަނީ އެއްބަސްވެފައި. މިހާރު ދެ ފަރާތުގެ މެދުގައި އޮތް ނުތަނަވަސްކަން ވަނީ ފިލާފައި. އަޅުގަނޑު އުންމީދު މިކުރަނީ އެއްބަސްވި ގޮތަށް މިފަހަރު ކުރިޔަށް ދެވޭނެ ކަމަށެ،" މިހާދު ވިދާޅުވި އެވެ.
ދެބަސްވުންތައް އުފެދި ދެބަޔަށް ބެހިފައިވާ ޑިރެކްޓަރުން ޖަލްސާ ކުރިޔަށް ގެންދިއުމަށް އެއްބަސްވީ އެއްފަރާތް އަނެއް ފަރާތަށް ޝަރުތަކެއް ކޮށްފައިވޭތޯ ސުވާލު ކުރުމުން މިހާދު ވިދާޅުވީ ޖަލްސާ ބާއްވަން އެއްބަސްވީ ޝަރުތަކައި ނުލައި ކަމަށެވެ.
އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާ ނުބޭއްވި ދިގުލައިގެން ދަނީ އެކުންފުނީގައި ސަރުކާރު ތަމްސީލު ކުރާ ޑިރެކްޓަރުންނާއި އާންމުން ތަމްސީލު ކުރާ ޑިރެކްޓަރުން މެދުގައި މައްސަލަ ޖެހި ޖަލްސާ ކުރިޔަށް ގެންދާނެ ފުރުސަތު ނުދީގެންނެވެ. މައިގަނޑު މައްސަލައަކީ ޑިރެކްޓަރުން ހޮވާއިރު ސަރުކާގެ ޑިރެކްޓަރުން ވޯޓުގައި ބައިވެރިވުމާއި ކުންފުނީގެ ޗެއާމަން ބަންދު އިބްރާހިމް ސަލީމް މަގާމުން ވަކި ކުރުމަށް ޑިރެކްޓަރުންތަކެއް ސޮއިކުރި ގަރާރުގެ މައްސަލަ އެވެ. މި ގަރާރުގެ ސައްހަ ކަމާމެދު ޑިރެކްޓަރުންގެ މެދުގައި ސުވާލުތައް އުފެދި އެކަން ބޮޑު އަރައިރުމަކަށް ވަނީ ވެފަ އެވެ.
އެމްޓީޑީސީގެ ހަތަރުވަނަ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް އެކުންފުނިން ފުރަތަމަ ނޯޓިހެއް ނެރުނީ ޖޫން 14 ގަ އެވެ. އޭގެ ފަހުން ތިން ފަހަރެއްގެ މަތިން ބާއްވަން އުޅެ މި ޖަލްސާ ވަނީ ކުރިޔަށް ނުގެންދެވި ހުއްޓާލަންޖެހިފަ އެވެ.