07 Oct 2012, 09:10
އަލްޖަޒާއިރު (އޮކްޓޯބަރ 7): އުތުރު އެފްރިކާގެ ޢަރަބި ޤައުމެއްކަމަށްވާ އަލްޖަޒާއިރުގެ ކުރީގެ ރައީސް އައްޝާޛްލީ ބިންޖަދީދު އަވަހާރަވެއްޖެ އެވެ.
އުމުރުފުޅުން 83 އަހަރުގައި ބިންޖަދީދު އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅެއްގައި އުޅުއްވުމަށް ފަހު ރޭގެ ވަގުތެއްގައި ވެރިރަށް އަލްޖަޒާއިރުގެ ޢަސްކަރީ ހޮސްޕިޓަލެއްގަ އެވެ. ޑޮކްޓަރުން ހާމަކުރައްވާ ގޮތުގައި ބިންޖަދީދު އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅާގުޅިގެން ކުރިމަތިވެވަޑައިގެންނެވި ކޯމާއެއްގައި އޮންނަވަނިކޮށެވެ.
ނަވާރަސަތޭކަ ހަތްދިހަ ނުވަ ވަނަ އަހަރުގައި އަލްޖަޒާއިރުގެ ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ބިންޖަދީދު 1992 ވަނަ އަހަރާ ހަމައަށް އެޤައުމުގެ ރައީސްކަން ކުރެއްވި އެވެ. އޭނާއަކީ ފަރަންސޭސިވިލާތުގެ އަޅުވެތިކަމުން މިނިވަން ވުމަށް އަލްޖަޒާއިރުގެ ރައްޔިތުންކުރި ޖިހާދުގައި ޙަރަކާތްތެރިވެ ވަޑައިގެންނެވި ބޭފުޅެކެވެ. އެދުވަސްވަރު ޢަސްކަރީ ކޮމާންޑަރެއްގެ ޙައިސިއްޔަތުން ފަރަންސޭސި އިސްތިޢްމާރާ ދެކޮޅަށް އޭނާ ހަނގުރާމަކުރެއްވި އެވެ.
ބިންޖަދީދު ރައީސް ކަމުން އިސްތިއުފާ ދެއްވީ އަލްޖަޒާއިރުގައި ބޭއްވި މިނިވަން އިންތިޚާބު ކާމިޔާބުކުރި އިސްލާމީ ޚިޔާލުގެ ޕާޓީއަށް ވެރިކަން ދިނުމާ ދެކޮޅަށް އެޤައުމުގެ ސިފައިން ހިންގި އިންޤިލާބީ ޙަރަކާތްތަކުގެ ތެރޭގަ އެވެ. ވެރިކަމުން އިސްތިއުފާދެއްވުމަށް ފަހު އަށް އަހަރުވަންދެން ގޭބަންދުގައި ވެސް އޭނާ ހުންނެވި އެވެ. (އަލްޖަޒީރާ)