07 Oct 2012, 09:08
ޓެލްއަވީވް (އޮކްޓޯބަރ 7): އިސްރާއީލުގެ މަތިން އުދުހުނު ޕައިލެޓަކާނުލާ ދަތުރުކުރާ ޖާސޫސީ މަތިންދާބޯޓެއް (ޑްރޯންއެއް) ވައްޓާލައިފިކަން އެޤައުމުން ހާމަކޮށްފި އެވެ.
އިސްރާއީލު ސިފައިންގެ ތަރްޖަމާނަކު ވިދާޅުވި ގޮތުގައި އިސްރާއީލުގެ ވައިގެ ދިފާޢީ ބާރުތަކުން މިބޯޓު ވައްޓާލާފައި ވަނީ އެޤައުމުގެ ދެކުނުގެ ސަރަޙައްދުތަކުގެ މަތިން އުދުހުމަށް ފަހު ޣައްޒާ ހުރަސްކޮށް އިސްރާއީލުގެ އެތެރެއަށް ވަންނަމުން ދަނިކޮށެވެ. މިބޯޓު ވައްޓާލާފައި ވަނީ އިސްރާއީލުގެ ދެކުނުގެ އައްނަޤަބް ސަޙަރާގެ ޖަބަލް ޔަތީރު ސަރަޙައްދަށް ކަމަށް ވެސް އިސްރާއީލު ސިފައިންގެ ތަރްޖަމާން ވިދާޅުވި އެވެ. މިބޯޓު ނިސްބަތްވާ ޤައުމެއް ވެސް އަދި ބޯޓު އުފައްދާފައިވާ ޤައުމެއް ވެސް އިސްރާއީލުން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް މިބޯޓު އިސްރާއީލުގެ ތެރެއަށް ވަދެފައި ވަނީ އެޤައުމުގެ ދެކުނުންކަމަށް ޢަސްކަރީ ރިޕޯޓްތައް ބުނެ އެވެ.
މިބޯޓަކީ ޙަމަލާދޭ ބޯޓެއް ނޫން ކަމަށާއި މިއީ ޖާސޫސީ ބޯޓެއް ކަމަށް ވެސް ޖަރުމަނުގެ ނޫސް އެޖެންސީ ޚަބަރުދެ އެވެ. ޕައިލެޓަކާނުލާ ދަތުރުކުރުމުގެ ޤާބިލްކަން ލިބިފައިވާ ޖާސޫސީ މަތިންދާބޯޓުތައް އުފެއްދުމުގެ ޤާބިލްކަން ދުނިޔޭގެ 60 އަށްވުރެ ގިނަ ޤައުމުން ހޯދާފައިވާ އިރު އިސްރާއީލާއި އިސްރާއީލުގެ އެންމެ ބޮޑު ދުޝްމަން އީރާނަކީވެސް މިބާވަތުގެ ބޯޓުތައް އުފެއްދުމުގެ ޓެކްނޮލޮޖީގައި ވަރަށް ކުރިއަރާފައިވާ ދެޤައުމެވެ. އީރާނުން ވަނީ ޙަމަލާދޭ ބާވަތުގެ ޑްރޯން މަތިންދާބޯޓް 2010 ވަނަ އަހަރު އުފައްދައި އެކަން ހާމަކޮށްފަ އެވެ.
އިސްރާއީލާއި އީރާނަކީ އެއްޤައުމުން އަނެއް ޤައުމަށް ޖާސޫސުކުރުމުގެ ވަރުގަދަ ޙަރަކާތްތަކެއް ހިންގަމުން ގެންދާ ދެޤައުމެވެ. އީރާނަށް ޖާސޫސުކުރުމަށް ގަލްފުގެ ސަރަޙައްދަށް އިސްރާއީލުގެ ޑްރޯން މަތިންދާބޯތު ވާސިލްވާ ކަމަށް އީރާނުން ބުނެފައިވެ އެވެ. ވައްޓާލާފައިވާ މިބޯޓާއި ޓެކްނޮލޮޖީ ދިރާސާކުރަމުން ގެންދާ ކަމަށް އިސްރާއީލުންބުނެ އެވެ. (ނޫސްއެޖެންސީތައް)