ޕިކަޕަކަށް ބަރުކޮށްފައި ހުރި މަސްދަޅު ކޭސްތަކެއް ވަގަށް ނެގުމަށް ފަހު ސައިކަލެއްގައި ފިލަން އުޅުނު ދެ މީހަކު އެކްސިޑެންޓްވެއްޖެ އެވެ.

މަންޒަރު ދުށް މީހަކު ސަން އަށް ކިޔައިދިން ގޮތުގައި މިރޭ 8 ޖަހާ އެހާކަންހާއިރު އަމީނިއްޔާ ސްކޫލް ކައިރީގައި މަސް ދަޅުތަކެއް ބަރުކޮށްފައި އޮތް ޕިކަޕަކުން ދެ މަސް ކޭސް ވަގަށް ނަގައިގެން ފިލަން އުޅުނު ދެ މީހުން ދުއްވި ސައިކަލް އިސްކަންދަރު ސްްކޫލް ކައިރީގައި ހުރި އަންހެނެއްގެ ގައިގައި ޖެހި އެކްސިޑެންޓް ވުމުން އެމީހުން ސައިކަލާއި މަސްދަޅު ކޭސް އުކާލުމަށް ފަހު ފިލީ އެވެ.

"އަޅުގަނޑުމެނަށް ފެނުނީ ދަޅު މަސްތައް ނަގައިގެން ދުއްވާފައި ދަނިކޮށް. ދެން އަޅުގަނޑުމެން ހަޅޭއްލައްވައި ފަހަތުން ދުވަން ފެށީމާ ބާރަށް ދުއްވާލަން ހެދިތަނާ އިސްކަންދަރު ކުރިމަތީ ހުރި އަންހެނެއްގެ ގައިގައި ޖެހި އެކްސިޑެންޓް ވުމުން އެދެމީހުން ފިލީ،" އެމީހާ ބުންޏެވެ.

ސަންގެ ނޫސްވެރިން އެ ސަރަހައްދަށް ދިޔަ އިރު ވައްކަންކުރަން ބޭނުން ކުރި ސައިކަލާއި ވަގަށް ނަގަން އުޅުނު ދެ މަސް ދަޅު ކޭސް އެތަނަށް ވެއްޓިފައި އޮތެވެ.

ސަން އަށް އެނގިފައިވާ ގޮތުން އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ 52 އަހަރުގެ އަންހެނަކަށެވެ. އަދި މިހާރު އޭނާ އަށް ވަނީ އައިޖީއެމްއެޗުގައި ފަރުވާ ވެސް ދީފަ އެވެ. ނަމަވެސް އޭނާ އަށް މާ ސީރިއަސް އަނިޔާތަކެއް ވެފައެއްނުވެ އެވެ.

ފުލުހުން ބުނީ މިހާރު އެ މައްސަލަ ތަހުގީގް ކުރަމުން އަންނަ ކަމަށާއި އަދި އެ މައްސަލާގައި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.