06 Oct 2012, 23:19
އެމްޑީޕީން ކުރިއަށްގެންދާ ވައުދުގެ ދަތުރުގެ ބައިވެރިން މިދިޔަ ހުކުރު ދުވަހު ގއ. ގެމަނަފުއްޓަށް ދިއުމުން އެ ރަށުން ހުރަސްއެޅި ކަމަށާއި އެ އަތޮޅު ކަނޑުހުޅުދޫން ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީ އަށް ހަމަލަދީފައިވާ ކަމަށާއި އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަވިސް އަށް ހުށަހަޅާނޭ ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑިޕީން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެމްޑީޕީން ވައުދުގެ ދަތުރުގައި އިއްޔެ ހެނދުނު ގއ. ގެމަނަފުއްޓަށް ކުރި ޒިޔާރަތުގައި އެ ރަށު ނެރުމަތީގައި ލަކުޑިގަނޑެއް އައްސައި އަދި ނެރުމަތީގައި ދޯންޏެއް ހުރަސްކޮށްފައި ބޭއްވުމުން އެ ރަށަށް އެރުމަށް ގިނަ ދަތިތަކެއް ކުރިމަތިވި ކަމަށެވެ. އަދި ކަނޑުހުޅުދު އަށް ދިޔަ އިރު ދޯންޏެއް، ނެރު ބައްދައި އެ ދޯނީގައި ތިބި މީހުން އެމްޑީޕީގެ ވައުދުގެ ދަތުރުގައި ދިޔަ ޓީމާ މުޚާތަބުކޮށް ނެރުމަތީގައި ހަޑިހުތުރު ބަހުން މުޚާތަބުކޮށް އެމްޑީޕީގެ މެންބަރުންނަށް މަރުގެ އިންޒާރުދީފައިވާ ކަމަށެވެ.
"ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ އިން ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ ދަތުރުފަތުރުކުރުމުގެ މިނިވަން ކަމަށް ހުރަސްއެޅުމަކީ ޖިނާއީ ބޮޑުކުށެއް. ނަމަވެސް ސިޔާސީ ވާދަވެރިފަރާތްތަކުން މިމަގުން މަސައްކަތްކުރަމުން ދާތީ އެކަން މި ޕާޓީން ނުހަނު ކަންބޮޑުވުމާ އެކު ފާހަގަކޮށް، ގެމަނަފުއްޓާއި ކަނޑުހުޅުދޫގައި ހިންގި މި ނާތަހުޒީބު އަމަލުތަކުގެ ސަބަބުން މިޕާޓީ އަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށާއި މި ކަމުގައި ހިންގާފައިވާ ޖިނާއީ ކުށްތަކަށް އިންސާފު ހޯދުމަށް މި ދެންނެވި އަމަލުތައް ހިންގި ފަރާތްތަކުގެ އަމަލުތައް ތަހުގީގުކޮށް ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުމަށް މޯލްޑިވްސް ޕޮލިސް ސަވިސްގައި މި ޕާޓީން އެދޭނެ ކަމުގައި ދަންނަވަމެވެ." އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
އެ ޕާޓީން ބުނެފައި ވަނީ އަދި އެހެންމެ ޚިޔާލު ފާޅުކުރުމުގެ ފުރިހަމަ މިނިވަންކަން ގާނޫނު އަސާސީން ދިވެހި ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދީފައިވީ އިރު ސުލްހަވެރި ސިޔާސީ ހަރަކާތްތަކާ ދިމާކޮށް، ކުރިމަތިލުންތަކާއި ހަމަނުޖެހުމާއި ހުރަސްއެޅުމާއި މާރާމާރީގެ ޢަމަލުތައް ނުހިންގުމަށް ވާދަވެރި ހުރިހާ ސިޔާސީ ފަރާތްތަކަށް އެމްޑީޕީން ގޮވާލާ ކަމަށެވެ.