06 Oct 2012, 22:49
ބައިރޫތު (އޮކްޓޯބަރު6): ލުބްނާނުގެ ހުޅަނގު ދެކުނުގެ ކަނޑުގެ އައްސޭރިފަށުން ޤުދްރަތީ ގޭހުގެ ބޮޑު ރިޒާވެއް ފެނިއްޖެ އެވެ.
މިކަން ހާމަކުރައްވަމުން ލުބްނާނުގެ ހަކަތައާ ބެހޭ ވަޒީރު ޖުބްރާން ބާސިލް ވިދާޅުވީ ގާތްގަނޑަކަށް 12 ޓްރިލިޔަން ކޮޑިމީޓަރުގެ މިގޭސް ދަނޑު ފެނިފައި ވަނީ މެދުތެރޭކަނޑުގައިވާ ލުބްނާނުގެ ސަރަހަައްދީ ރޮނގުގެ އައްސޭރި ފަށުން ކަމުގަ އެވެ. މިގޭސް ދަނޑުފެނުނީ ގުދްރަތީ ގޭހާއި ތެޔޮ ލުބްނާނުގެ ކަނޑުގެ ސަރަޙައްދުގައި ހުރިތޯ ބެލުމަށް ކުރި ޖިއޮލޮޖިކަލް ސަރވޭތަކަކުންނެވެ. ކަނޑުގެ އަޑީގެ މިސަރވޭކުރުމުގައި ޙަރަކާތްތެރިވި އާގުބޯޓެއްގައި ހުންނަވައިގެން ދެއްވި ބަޔާނެއްގައި އޭނާ ވިދާޅުވީ ގާތްގަނޑަކަށް 12 ޓްރިލިޔަން ކޮޑިމީޓަރުގެ މިގޭސް ދަނޑު ތިން ހާސް ކިލޯ މީޓަރުގެ ސަރަޙައްދަކަށް ފެތުރިފައިވާކަން ޖިއޮލޮޖިކަލް ދިރާސާތަކުން ހާމަވާކަމުގަ އެވެ.
މިސަރވޭކޮށްފައި ވަނީ ކަނޑުއަޑީގައި މިބާވަތުގެ ޖިއިލޮޖިކަލް ސަވޭތައްކުރާ އިނގިރޭސިވިލާތުގެ ދެ ކުންފުނި ކަމަށްވާ ކެއަރިން އެނަޖީ އާއި ޖީނެލް އެނެޖީ ގުޅިގެން ކަމަށް ޖުބްރާން ވިދާޅުވި އެވެ. މި ގޭސްވަޅުހުރިކަން އެނގުނު ނަމަވެސް މިތަނުން ގޭސްނެގުމަށް އަދި އެތަށް އަހަރެއް ނަގާނެ އެވެ. މިކަމަށް ޓަކައި އެތައް ސަތޭކަ މިލިޔަން ޑޮލަރެއް އިންވެސްޓް ވެސް ކުރަންޖެހޭނެ އެވެ. ބޭރުގެ އިންވެސްޓްމަންޓަކާނުލާ ލުބްނާން ފަދަ އާންދަނީ މަދުންލިބޭ ކުޑަ ޤައުމަކަށް މިކަންކުރުމުގެ ޤާބިލްކަން ލިބިގެންނުވާ ކަމަށް ތަޖްރިބާކާރުން ބުނެ އެވެ.
ލުބްނާނުގެ ވަޒީރު ހާމަކުރެއްވި ގޮތުގައި މިގޭސް ވަޅު ތަރައްގީކޮށް ގޭސް ނަގަންޖެހުމުން އެޤައުމަށް ބޭނުންވާ ކަރަންޓް އުފެއްދުމަށް 99 އަހަރުވަންދެން މިގޭސްވަޅު ފުދޭނެ އެވެ. ތެލާއި ގޭހުގެ މުއްސަނދިކަން މިހާތަނަށް ލިބިފައިނުވާ ލުބްނާނަކީ ޢަރަބި ޤައުމުތަކުގެ ތެރޭގައި ހިމެނޭ ކުޑަ އަދި ނިސްބަތުން ފަގީރު ޤައުމެކެވެ. ނަމަވެސް މިގޭސްވަޅު ތަރައްޤީ ކުރެެވުމުން ގޭހުގެ މުއްސަނދިކަން ލިބިފައިވާ ޤައުމަކަށް ލުބްނާން ވެގެންދާނެ އެވެ. (އަލްޖަޒީރާ)