06 Oct 2012, 22:45
އދ. މަޖިލިސް (އޮކްޓޯބަރ 6): އީރާނުން ނިއުކްލިޔާ ހަތިޔާރު އުފައްދަން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށް އެމެރިކާ އާއި ޔޫރަޕުން އެޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ފާޑުވިދާޅުވެއްޖެ އެވެ.
އދ.ގެ ޖެނެރަލް އެސެމްބްލީ އަށް ފޮނުއްވި ރިޕޯޓެއްގައި ބާންކީ މޫން ވިދާޅުވީ ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ގެއްލުން ވަނީ އީރާނުގެ ރައްޔިތުންނަށް ކަމުގަ އެވެ. އީރާނާދެކޮޅަށް ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކާ ގުޅިގެން އެޤައުމުގެ ފައިސާގެ އަގު ވަރަށް ބޮޑަށް ވެއްޓުމުން ބޭހާއި ކާބޯތަކެއްޗާއި އެނޫން ވެސް ދިރިއުޅުމުގެ އަސާސީ ތަކެތީގެ އަގުތައް އީރާނުގައި ދަނީ ބޮޑުވަމުން ކަމަށާއި މިކަމުގެ ނޭދެވޭ އަސަރު އީރާނުގެ ސަރުކާރަށް ވުރެ ބޮަޑަށްކުރަނީ ރައްޔިތުންނަށް ކަމަށް ބާންކީ މޫން ވިދާޅުވި އެެވެ.
އެމެރިކާ އާއި ޔޫރަޕުން އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބޭނުމަކީ އީރާނުގެ ރައްޔިތުންނަށް ދަތިކޮށްގެން އީރާނުގެ ރައްޔިތުން ސަރުކާރާ ދެކޮޅަށް ނެރެ ޤައުމުގައި ހަމަނުޖެހުން އުފައްދައިގެން އީރާނުގެ ސަރުކާރު ވައްޓާލުމަށް މަގުފަހިކުރުން ކަމަށް ތަޖްރިބާކާރުން ދެކެ އެވެ. އެމެރިކާ އާއި ޔޫރަޕުުން އީރާނުގެ ނިއުކްލިޔާ މައްސަލަ ސަބަބަކަށް ހަދައިގެންއުޅެނީ އީރާނުގައި ހުޅަނގުން ޙާސިލްކުރަން ބޭނުންވާ ހަގީގީ މަޤްސަދް ކަމަށްވާ ހުޅަނގަށް ބޯލަނބާ ގޮނޑިކޮށްކޮށް ސަރުކާރެއް އީރާނުގައި ޤާއިމްކުރުމުގެ ކަންތައް އޮޅުވާލުމަށް ޓަކައި ކަމަށް ވެސް މިފަރާތްތަކުން ދެކެ އެވެ.
އީރާނުގެ ވެރިކަމުގެ ނިޒާމަކީ ހުޅަނގުގެ ހަންފެތުރުމުގެ ސިޔާސަތުތަކާ އިދިކޮޅު ހުޅަނގުގެ ބާރާއި ނުފޫޒުން އެއްކިބާވެފައިވާ ނިޒާމެކެވެ. އީރާނުން ވަނީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެޤައުމުގެ އިޤްތިސާދަށް މައްސަލަތަކެއް ކުރިމަތިވެ ފައިސާގެ އަގުވެއްޓެމުންދާ ކަމަށް އެއްބަސްވެފަ އެވެ. ނަމަވެސް ރައްޔިތުން ބިކަ ޙާލުގައި ޖައްސައިގެން ސިޔާސީ މަޤްސަދްތައް ޙާސިލްކުރުމުގެ ފުރުސަތު ހުޅަނގަށް ނުލިބޭނެ ކަމަށް ވެސް އީރާނުން ބުނެ އެވެ. އަދި ދަތުކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން މިހާރުކުރިމަތިވެފައިވާ މާލީ މައްސަލަތަކުން އަރައިގަތުމުގެ ޤާބިލްކަން އީރާނުގެ އިޤްތިސާދަށް ލިބިފައިވާ ކަމަށާއި ނަމަވެސް މިފިޔަވަޅުތަކުގެ ނޭދެވޭ އަސަރުތަކުން އަރައިގަނެވޭނެކަމުގެ ޔަގީން އެބައޮތް ކަމަށް އީރާނުގެ ރައީސް އަޙްމަދީ ނެޖާދް ވަނީ ވިދާޅުވެފަ އެވެ.
އެމެރިކާ އަޑީގައި އޮވެގެން ޢިރާޤާއި ގަލްފުގެ ޢަރަބި ޤައުމުތައް ގުޅިގެން އަށް އަހަރުވަންދެން އީރާނާދެކޮޅަށް ކުރި ވަރުގަދަ ހަނގުރާމައިން ވެސް އީރާން ވަނީ އަރައިގެންފައި ކަމަށާއި އެއަށް ފަހު އީރާނުގެ އެތެރޭގައި ހަމަނުޖެހުންތައް އުފައްދައިގެން އެޤައުމުގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް އެެމެރިކާ ކުރި ހުރިހާ މަސައްކަތްތަކެއް ވެސް ފޭލްވެގެން ގޮސްފައިވާ ކަމަށް ނެޖާދް ވިދާޅުވި އެވެ.(އަލްޢާލަމް)