އަތޮޅުތަކުގެ ބައެއް ހޮސްޕިޓަލްތަކާއި ހެލްތު ޕޯސްޓްތަކުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭކަމަށް އެ މުވައްޒަފުން ބުނެފި އެވެ.

އުތުރުގެ އަތޮޅެއްގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރާ މުވައްޒަފަކު ނަން ނުޖެހުމަށް ޝަރުތުކޮށް މިއަދު ބުނީ ކޮންމެ މަހެއްގެ ވެސް މުސާރަ ފެށޭ މަހުގެ އެކެއްގެ ކުރިން ދޭން ޖެހޭ ކަމަށް ވަޒީފާއާ ބެހޭ އެއްބަސްވުމުގައި އޮތް ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ވެސް އެ މީހުންނަށް މުސާރަ ޖަމާކޮށްދީފައި ނުވާ ކަމަށެވެ. އަދި މުސާރަ ނުލިބިގެން އުޅެނީ ފިނޭންސުން ފައިސާ ނުފޮނުވައިގެން ކަމަށް ވެސް ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެންނަށް ބޭސިކް މުސާރަ ވެސް އަދި އޯޓީ ވެސް ނުދޭ، އެލަވެންސެއްހާ ހިސާބުވެސް ނުލިބޭ، އަދި މާދަމާވެސް ލިބޭނެ ކަމުގެ ގެރެންޓީނެތް،" އޭނާ ބުންޏެވެ.

އަތޮޅުތެރޭގައި ގާތްގަނޑަކަށް ގިނަ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުގެ މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދެ އެވެ. ޅ. ނައިފަރުގެ ހުންނަ އެ އަތޮޅު ހޮސްޕިޓަލުން ވެސް ވާހަކަ ދެއްކި މުވައްޒަފުން ބުނީ ފެށޭ ހަފްތާ ވެސް މުސާރަ ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށާއި ފިނޭންސުން ފައިސާ ނުލިބޭ ވާހަކަ ބުނެފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ވެސް ބުނެވޭނީ ދެއްތޯ؟، ފައިނޭންސުން ބުނަނީ މަސައްކަތް ކޮށްދެމޭ،" އެ ހޮސްޕިޓަލުން ވާހަކަ ދެއްކި ސީނިއާ މުވައްޒަފަކު ބުންޏެވެ.

އެ ޝަކުވާތަކާ ގުޅިގެން ފިނޭންސްގެ ޕާމަނަންޓް ސެކްރެޓަރީ އިސްމާއިލް ޝަފީގު ވިދާޅުވީ ހެލްތު ސެންޓަރުތަކާއި އަދި އަތޮޅު ހޮސްޕިޓަލްތަކުގެ މުވައްޒަފުންނަށް މުސާރަ ލިބުމުގައި މައްސަލަތަކެއް އުޅޭކަމުގެ ޝަކުވާ ލިބިވަޑައިގެންފައިވާ ކަމަށާއި އެ މައްސަލަ އެގޮތަށް ދިމާވީ ކުރިން ހެލްތު ކޯޕަރޭޝަންތަކުގެ ދަށުގައި ތިބި މުވައްޒަފުން އަލުން ހެލްތު މިނިސްޓްރީއަށް ބަދަލުކުރުމުގެ ޕްރޮސެސްގައި އުޅޭތީ ކަމަށެވެ.

"އެ ނޫން ބައެއްގެ މުސާރަ މި މަހުގައި ލަހެއް ނުވާނެ، އެ ނޫނީ މުޝާރައިގެ މައްސަލައެއް ނޫޅޭނެ،" ޝަފީގު ވިދާޅުވި އެވެ.

ރާއްޖޭގެ މާލީ ހާލަތު ދަށްވެ މި މަހުގެ މުސާރަ ވެސް ދީފައި ވަނީ އިންޑިއާ އިން 25 މިލިއަން ޑޮލަރުގެ ސަޕޯޓް ލޯނެއް ނަގައިގެން ކަމަށް ފިނޭންސް މިނިސްޓަރު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. އަދި މި އަހަރުގެ ފަހު ތިންމަސްދުވަހު ވެސް ދައުލަތުގެ ހަރަދުތައް ހަމަޖައްސާނެ ގޮތްތަކެއް އަދި ރާވާފައި ނެތް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އިގްތިސޯދީ ހާއްސަ ހާލަތެއް ދިމާވެފައިވާ ކަމަށް ބުނެ ސިވިލް ސާވަންޓުންގެ މުސާރައިން 2010 ވަނަ އަހަރު އުނިކުރި ބައި މިދިޔަ ޖޫން މަހުން ފެށިގެން ދޭން ފެށި ނަމަވެސް ބައެއް ސިވިލްސާވެންޓުންނަށް މިހާތަނަށް އުނިކުރި މުސާރަ ދީފައެއްނުވެ އެވެ. އޭގެ ތެރޭގައި ވެސް ހެލްތު ސެންޓަރުތަކާއި ހޮސްޕިޓަލްތަކުގެ މުވައްޒަފުން ހިމެނެ އެވެ.