ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ އަމުރާއި ގުޅިންގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ކޯޓަށް ހާޒިރު ކުރެވޭނީ އޭނާގެ ރުހުމުގައި ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނަނީ ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލު ކުރަންވީ ގޮތުގެ ގަވާއިދުގެ ފަސް ވަނަ މާއްދާގެ (ށ) ގެ ދަށުން ނަޝީދު ކޯޓަށް ހާޒިރުކޮށް ދިނުމަށް ހުޅުމާލޭ ކޯޓުން ފުލުހުންނަށް ކޮށްފައިވާ އަމުރާއި ގުޅިގެން މާދަމާ 4:00 ޖަހާއިރަށް ޝަރީއަތަށް ހާޒިރުވުމަށް ނަޝީދަށް އަންގާފައި ވާނެ ކަމަށެވެ.

ފުލުހުން ބުނީ އެ އަމުރަކީ ނަޝީދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ކޮށްފައިވާ އަމުރެއް ނޫން ކަމަށާއި އެ އަމުރާ ގުޅިގެން ނަޝީދު ކޯޓަށް ހާޒިރުކުރެވޭނީ އޭނާގެ ރުހުމުގައި ކަމަށެވެ.

އާންމުގޮތެއްގައި ބަންދުގައި ބަހައްޓައިގެން މީހުން ކޯޓަށް ހާޒިރުކޮށް ދިނުމަށް ކޯޓުތަކުން ފުލުހުންނަށް އަމުރު ކުރާކަމަށާއި އެފަދަ އަމުރުތައް ކުރަނީ އެ ގަވާއިދުގެ 17 ވަނަ މާއްދާގެ ދަށުން ކަމަށް ވެސް ފުލުހުން މިއަދު ނެރުނު ބަޔާނުގައި ވެއެވެ.

"ގ. ކެނެރީގެ، މުހައްމަދު ނަޝީދު ކޯޓަށް ހާޒިރުކުރުމަށް ހުޅުމާލޭ ކޯޓުން މިސަރވިސްގެ މައްޗަށް ކޮށްފައިވާ އަމުރަކީ ކޯޓަށް މީހުން ހާޒިރުކުރުމާއި ބެހޭ ޤަވާއިދުގެ 5 ވަަނަ މާއްދާގެ (ށ) ގެ ދަށުން އަމަލުކުރުމަށް ކުރައްވާފައިވާ އަމުރަކަށްވާތީ އާއި އަދި އެއަމުރުގައި ބަޔާންކުރައްވާފައިވަނީ އެމަނިކުފާނު ހާޒިރުކުރުމަށް ކަމަށްވުމުން އެއަމުރުގެ ދަށުން އެމަނިކުފާނު ކޯޓަށް ހާޒިރުކުރެވޭނީ އެމަނިކުފާނުގެ ރުހުމުގައިކަމަށް މިސަރވިސްއިން ދެކެމެވެ،" ބަޔާނުގައިވެ އެވެ.

އެ ގަވާއިދުގެ 17 ވަނަ މާއްދާގެ (ހ) ގައި ބުނަނީ ކޯޓަށް ހާޒިރުކުރަންޖެހޭ ފަރާތެއް ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަކީ، އެންމެ މަސްލަހަތު ރަނގަޅު ގޮތްކަމަށް ކޯޓަށް ފެންނަ ހާލަތްތަކުގައި، ޑީޕީއާރްއެސް އާއި ފުލުހުން ނުވަތަ ބަންދު ކުރުމުގެ ބާރު ލިބިފައިވާ އެހެން އިދާރާއެއް މެދުވެރިކޮށް ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް "ކޯޓަށް ހާޒިރުކުރުމުގެ އަމުރު" ނެރުމުގެ އިޚުތިޔާރު ކޯޓަށް ލިބިގެންވާކަމަށެވެ.

ނަޝީދު ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ، އެ ގަވާއިދުގެ ފަސް ވަނަ މާއްދާގެ (ށ) ގައި ބުނަނީ ޖިނާއީ މައްސަލަތަކަށް ކޯޓަށް ހާޒިރުވުމަށް އެއްވެސް މީހަކަށް ކޯޓަށް ހާޒިރުވުމަށް އަމުރު ފޮނުވުމުން، އެ އަމުރުގައި ނުހިފައިފިނަމަ ނުވަތަ އެއަމުރު ލިބި މަގުބޫލު އުޒުރެއް ނެތި ކޯޓަށް ހާޒިރު ނުވެއްޖެ ނަމަ ޑީޕީއާރްއެސް ނުވަތަ ފުލުހުން މެދުވެރިކޮށް އެމީހާ ކޯޓަށް ހާޒިރުކުރުމަށް ކޯޓަށް އަމުރު ކުރެވިދާނެ ކަމަށެވެ.

މިދިޔަ އާދީއްތަ ދުވަހު ކޯޓަށް ހާޒިރުވުމަށް ހުޅުމާލޭ ކޯޓުން ޗިޓް ފޮނުވާފައި ވަނިކޮށް، އަދި ކޯޓުގެ ހުއްދަނެތި މާލެއިން ބޭރަށް ނުދިޔުމަށް އަންގާފައި ވަނިކޮށް ނަޝީދު ވަނީ ކެންޕޭން ދަތުރުފުޅެއްގައި އަތޮޅުތެރެއަށް ފުރާވަޑައިގެންފަ އެވެ. އަދި ކެންޕޭންގެ ހަރަކާތުގައި އުޅުއްވާތީ ޝަރީއަތް ފަސްކޮށް ދިނުމަށް އެދިވަޑައިގެން ނަޝީދު ވަނީ ހުޅުމާލޭ ކޯޓަށް ސިޓީ އެއް ވެސް ފޮނުވާފަ އެވެ.

ނަމަވެސް ޖުޑީޝަރީގެ ސްޕޯކްސް ޕާސަން ލަތީފާ ގާސިމް މިއަދު ވިދާޅުވީ ނަޝީދު އެދިވަޑައިގެންފައިވާ ސަބަބަކީ ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރަންވީ ގޮތުގެ ގަވާއިދުގައި ބުނެފައިވާ މަގުބޫލު އުޒުރަކަށް ނުވާތީ އެގޮތަށް އަމަލުކުރެވެން ނެތްކަމަށެވެ.