06 Oct 2012, 14:40
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާއި ޚިލާފަށް ހައްޔަރު ކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކޯޓަށް ހާޒިރުނުވުމުން އޭނާ ހާޒިރުކޮށްދިނުމަށް އެދި ހުޅުމާލޭ ކޯޓުން ފުލުހުންގެ މައްޗަށް ކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރަން އެމްޑީޕީން ނިންމައިފި އެވެ.
ރައީސް ނަޝީދުގެ ގާނޫނީ ޓީމުން ވަކީލު، ހަސަން ލަތީފު މިއަދު ވިދާޅުވީ ކޯޓަށް ހާޒިރުކުރުމަށް ހުޅުމާލޭ ކޯޓުން ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އިސްފަޑިޔާރުގެ ހުއްދަ ނުލިބިގެން އެ މައްސަލަ މިހާތަނަށް ކޯޓަށް ހުށަހެޅިފައިނުވާ ކަމަށް ވިދާޅުވި އެވެ.
"ހައިކޯޓުގެ ރަޖިސްޓްރާ ވިދާޅުވީ އިސްފަނޑިޔާރުގެ ހުއްދަ ލިބިގެނޭ މައްސަަލަ ބަލައިގަނެވޭނީ. އިސްފަނޑިޔާރުގެ ފޯނު އޮތީ ނިއްވާލާފައޭ،" ހަސަން ވިދާޅުވި އެވެ.
އެ މައްސަލަ މިހާތަނަށް ކޯޓަށް ހުށަނާޅާކަމަށް ރައީސް ނަޝީދުގެ ގާނޫނީ ޓީމުން ބުނި ނަމަވެސް އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ކުރާ ދައުވާއާ ގުޅޭ އިސްތިއުނާފީ މައްސަލައެއް ހައިކޯޓަށް ވައްދާފައިވާ ކަމަށެވެ. އެހެން ކަމުން ރައީސް ނަޝީދު ހުންނެވީ ހައިކޯޓަށް ވަޑައިގަތުމަށް ތައްޔާރަށް ކަމަށެވެ.
އެ މައްސަލައިގައި ހައިކޯޓުގެ ފަރާތުން އަދިވަނީ ބަހެއް ލިބޭގޮތް ނުވެފަ އެވެ.