09 Sep 2010, 11:17
މިދިޔަ ފަހުކޮޅު ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އެއް ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ތަޞްދީޤު ކުރައްވައިފި އެވެ. އަދި އެ ގާނޫނު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢު ކޮށްފަ އެވެ.
މި އިޞްލާޙަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 136 ވަނަ މާއްދާގެ (ށ) އުނިކުރުމުގެ އިޞްލާޙެވެ. އެ މާއްދާގެ (ށ) ގައި ވަނީ މި ޤާނޫނަށް ޢަމަލުކުރަން ފަށާ އިރު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަކުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ޤުދުރަތީ ގޮތުން އެއްރަށެއްގެ ގޮތުގައި އޮންނަ ރަށެއްގެ ދެބަޔަކީ މީހުން ދިރިއުޅޭ ވަކިވަކި ދެ ރަށުގެ ގޮތުގައި އިދާރީގޮތުން ވަކިވަކިން ހިންގަމުންދާ ދެރަށެއް ނަމަ އެ ދެރަށް ހިންގާނީ އެއް ރަށު ކައުންސިލަކުން ކަމަށެވެ. އަދި ކުރިން ދެ ރަށުގެ ގޮތުގައި ވަކިވަކީން ހިންގަމުންދިޔަ ރަށްރަށް ހިންގާނީ މިގޮތުން އުފެއްދޭ ރަށު ކައުންސިލްގެ ބެލުމުގެ ދަށުން އުފައްދާ އަވަށު ބޯޑަކުން ކަމަށެވެ.