އިންޓަނޭޝަނަލް ނިއުސް ސޭފްޓީ އިންސްޓްޓިއުޓްގެ އޮފީހެއް ސިންގަޕޫރުގައި ގާއިމްކުރުމަށް ނިންމައިފި އެވެ.

ނިއުސް ސޭފްޓީ އިންސްޓްޓިއުޓުން ބުނީ ސިންގަޕޫރުގައި އޮފީހެއް ގާއިމް ކުރަނީ ދުނިޔޭގައި ނޫސްވެރިންނަށް އެންމެ ބޮޑު ނުރައްކާ އޮތް ސަރަހައްދު ކަމަށްވާ އޭޝިއާ ޕެސިފިކް ސަރަހައްދަަށް އަމާޒުކޮށްގެން ކަމަށެވެ. އަދި ބުނީ މިކަމަކީ އޮސްޓްރޭލިއާ އާއި ނިއުޒީލޭންޑްގެ ނޫސްވެރިންނާއި ނޫސްވެރިންގެ ޔޫނިއަންތަކުގެ އިސްނެގުމަކަށް ގްލޯބަލް ޔޫނިއަން ފޯ މީޑިއާ ވޯކާސް އާއި އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އޭޝިއާ ޕެސިފިކް ގުޅިގެން ކުރާ ކަމެއް ކަމަށެވެ.

ނިއުސް ސޭފްޓީ އިންސްޓްޓިއުޓުން އިއްުޔެ އާއްމުކުރި ނޫސްބަޔާނެއްގައި ބުނެފައި ވަނީ މެރުމާއި ގަސްދުގައި ހަމަލާ ދިނުމާއި ބިރުދެއްކުން ފަދަ ކަންތައްތައް އޭޝިއާ ޕެސިފިކް ސަރަހައްދުގައި ނޫސްވެރިންނަށް ކުރިމަތިވާ ކަން ނޫސްބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

"ނޫސްވެރިންނަށް އެންމެ ނުރައްކާތެރި 10 ގައުމުގެ ތެރޭގައި ޕާކިސްތާނާއި އަފްޣާނިސްތާނާއި ފިލިޕީންސް ހިމެނެ އެވެ. ނޭޕާލާއި ސްރީލަންކާ އަކީ ވެސް ހާލަތު އެންމެ ގޯސް ގައުމުތަކުގެ ތެރޭގައި ހިމެނޭ ތަންތަނެވެ." ބަޔާނުގައިވެ އެވެ.

އިންޓަނޭޝަނަލް ނިއުސް ސޭފްޓީ އިންސްޓްޓިއުޓަކީ މީގެ ދިހަ އަހަރު ކުރިން އައިއެފްޖޭ އިން އުފައްދާފައިވާ އިންސްޓްޓިއުޓެކެވެ. އެއިންސްޓްޓިއުޓުން ސިންގަޕޫރުގައި ގާއިމްކުރާ އޮފީހުގެ ބޭނުމަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ނޫސްވެރިންނަށް ރައްކާތެރިކަން ހޯދައި ދިނުމަަށް މަސައްކަތް ކުރުމެވެ.