ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންނެވި ގޮތަށް ޝަރީއަތް ފަސް ކުރެވެން ނެތް ކަމަށް ޖުޑީޝަރީން މިއަދު ބުނެފި އެވެ.

ޖުޑީޝަރީގެ ސްޕޯކްސް ޕާސަން ލަތީފާ ގާސިމް މިއަދު ވިދާޅުވީ ޝަރީއަތް ފަސްކޮށްދިނުމަށް އެދި ނުރަސްމީ ގަޑީގައި ހުޅުމާލޭ ކޯޓަށް ނަޝީދު ސިޓީއެއް ފޮނުއްވާފައިވާ ވާކަމަށެވެ. ލަތީފާ ވިދާޅުވީ ނަޝީދުގެ ސިޓީގައި ވިދާޅުވެފައި ވަނީ މިދުވަސްކޮޅު ކެމްޕޭން ދަތުރުތަކުގައި އަތޮޅުތެރޭގައި އުޅުއްވާތީވެ އެ ދަތުރުތަކަށް ވަގުތު ބޭނުންވާތީ ޝަރީއަތް ފަސްކޮށް ދިނުމަށް އެދޭ ކަމަށެވެ.

ނަޝީދު އެގޮތަށް އެދިވަޑައިގެންނެވި ކަމުގައި ވިޔަސް ޝަރީއަތަށް ހާޒިރުވުމަށް އަމުރު ފޮނުވާފައި ވަނިކޮށް ޝަރީއަތް ފަސްކުރެވޭނެ ހާލަތްތަކެއް "ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރަންވީ ގޮތުގެ ގަވާއިދު"ގައި ބުނެފައިވާ ކަމަށާއި އެހެން ކަމުން ނަޝީދު އެދިވަޑައިގަތް ގޮތަށް ޝަރީއަތް ފަސް ކުރެވެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލު ކުރަންވީ ގޮތުގެ ގަވާއިދުގައި ބަޔާންކޮށްފައި ވާނެ ކޯޓަށް ހާޒިރުވުމުގެ އަމުރު ލިބުމަށްފަހު އަމަލު ކުރަންވީ ގޮތްތަކެއް. އެގަވާއިދުގައި ބުނެފައިވާ ގޮތަށް ހުޅުމާލޭ ކޯޓުން އަމަލު ކުރާނީ،" ލަތީފާ ވިދާޅުވި އެވެ.

ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލު ކުރަންވީ ގޮތުގެ ގަވާއިދުގެ އަށް ވަނަ މާއްދާގައި ކޯޓަށް ހާޒިރުނުވުމަށް މަގުބޫލު އުޒުރެއް ކަމުގައި ބެލެވޭނެ ތިން ކަމެއް ވަނީ ބަޔާންކޮށްފަ އެވެ. އެއީ ކޯޓަށް ހާޒިރު ނުވެވޭފަދަ ބައްޔެއް ވުމާއި، މޫސުން ގޯސްވުމުގެ ސަބަބުން ކަނޑު ދަތުރާއި، އެއްގަމު ދަތުރު ނުކުރެވޭ ފަދަގޮތެއް ވުމާއި ގާޒީ އަށް މަގުބޫލުކަމަށް ގަބޫލުކުރެވޭ އެހެން އުޒުރެއް މެދުވެރިވުމެވެ.

ކެމްޕޭން ދަތުރުގައި ނަޝީދު އަތޮޅުތެރެއަށް ފުރުއްވާފައި ވަނީ ކޯޓުގެ ހުއްދަ ނުހޯދާ މާލެއިން ބޭރަށް ފުރައިގެން ނުދިޔުމަށް ހުޅުމާލޭ ކޯޓުން އޭނާ އަށް އަންގާފައި ވަނިކޮށެވެ. އަދި މިދިޔަ އާދީއްތަ ދުވަހު ނަޝީދު ދެކުނުގެ އަތޮޅުތަކަށް ދަތުރު ފެއްޓެވި އިރު އެ ދުވަހަކީ އޭނާގެ ޝަރީއަތް ފަށަން ތާވަލްކޮށްފައި އޮތް ދުވަހެވެ. ނަމަވެސް އެއްވެސް ސަބަބެއް އެންގުމެއް ނެތި ޝަރީއަތަށް ހާޒިރު ނުވާތީ އެ ދުވަހުގެ ޝަރީއަތް ވަނީ ކެންސަލްކޮށްފަ އެވެ.

މާދަމާ 4:00ގައި ޖަސްޓިސް ބިލްޑިންގައި ނަޝީދުގެ ޝަރީއަތް ބާއްވާގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެގަޑިއަށް ނަޝީދު ޝަރީއަތަށް ހާޒިރުކޮށްދިނުމަށް ހުޅުމާލޭ ކޯޓުން ވަނީ ފުލުހުންނަށް އަމުރުކޮށްފަ އެވެ.

ހުޅުމާލޭ ކޯޓުގެ އަމުރު ތަންފީޒު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ވެސް ބުނެފަ އެވެ.