06 Oct 2012, 12:52
އެލައިޑް އިންޝުއަރެންސްގެ 2013 ވަނަ އަހަރުގެ ކަލަންޑަރަށް ބޭނުންވާ ކުރެހުންތައް ހޯދުމަށް ކިޔަވާ ކުދިނަށް ހުޅުވާލައިގެން މިއަދު ހަވީރު އާޓިފިޝަލް ބީޗްގައި މުބާރާތެއް ބާއްވާ ގޮތަށް ނިންމައިފި އެވެ.
އެލައިޑް އިންޝުއަރެންސްގެ އެސިސްޓެންޓް މެނޭޖާ މާކެޓިން އެންޑް ކޯޕަރޭޓް އެފެއާޒް އައިޝަތު ސުދާ ރަޝީދު މިއަދު ވިދާޅުވީ "ކަލަންޑަރު ޑިޒައިން ކޮންޓެސްޓް"ގެ ނަމުގައި އުމުރުން 13 އަހަރާއި 17 އަހަރުގެ ކުދިނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގައި އެ އުމުރުގެ ކޮންމެ ކުއްޖަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި ކުރެހުންތައް ކުރަހަން ޖެހެނީ "ރައްކާތެރި މާދަމައެއް ހޭލުންތެރި މުޖުތަމައެއް" އެ ތީމްގެ މައްޗަށް ކަމަށެވެ.
"މިކުރެހުންތަކުގެ ތެރެއިން އެ ތީމަށް ހުރި އެންމެ ރަނގަޅު 24 ކުރެހުމެއް މިދަނީ އެލައިޑްގެ ފޭސްބުކް ގުރޫޕަށް، ދެން އޭގެ ތެރެއިން މިހޮވަނީ އެންމެ ރަނގަޅު 12 ކުރެހުމެއް، 12 ކުރެހުން މިހޮވަނީ ފޭސްބުކުން އެކުރެހުމަކަށް ލިބޭ ލައިކަށް މިދެނީ 40 ޕަސެންޓް ދެން ޖަޖުންގެ ވޯޓުން މިދެނީ 60 ޕަސެންޓް،" ސުދާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނޭޝަނަލް ސެންޓަ ފޯދި އާޓްސް އާއި އެޑިއުކޭޝަން ޑިވްލޮޕްމަންޓް ސެންޓަރު ގުޅިގެން ކުރިއަށްގެންދާ އެ މުބަރާތުން ހޮވޭ 12 ކުރެހުން މިއަންނަ އަހަރުގެ އެލައިޑްގެ ކަލަންޑަރުގައި ޖެހުމުގެ އިތުރުން އެ12 ކުރެހުންކުރެހި 12 ކުދިނަށް "ގޫގުލް ނެކްސަސް 7"ގެ ޓެބްލެޓެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެލައިޑުން ބުނީ މިފަދަ މުބާރާތެއް ކިޔަވާ ކުދިނަށް ހުޅުވާލައިގެން ބޭއްވުމުގެ މަގުސަދަކީ ކުޑަކުދިންނަކީ ދުރަށް ވިސްނާ ބަޔަކަށް ހެދުމާއި އެ ކުދިންގެ ހުނަރު އާއްމުންނަށް ދައްކާލުން ކަމަށެވެ.