ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ އަސާސީ އާއި ގާނޫނާ ހިލާފަށް ހައްޔަރުކޮށްގެން ގެންގުުޅުނު މައްސަލައިގައި ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދަައުލަތުން ކުރާ ދައުވާއަށް ކޯޓަށް ހާޒިރުވުމަށް މިހާރު ދީފައިވާ މުއްދަތު ފަހުގެ ތާރީހަކަށް ފަސް ކޮށްދެއްވުމަށް ރައީސް ނަޝީދު އެދިވަޑައިގެންފި އެވެ.

ރައީސް މުހައްމަދު ނަޝީދުގެ އޮފީހުން ރޭ ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި މާދަމާ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުުގައި ހިންގުމަށް ހަމަޖެހިފައިވާ ޝަރީއަތަށް ނަޝީދު ހާޒިރުކޮށްދިނުމަށް އެދި އެކޯޓުން ފުލުހުންނަށް އަމުރެއް ނެރެފައިވާ ކަން އެނގިވަޑައިގަތީ މީޑިއާ އިން ކަމަށާއި އެ މައްސަލައިގައި ކޯޓަށް ހާޒިރުވުމަށް އަންގާ ކޯޓު އަމުރެއް ހުޅުމާލޭ ކޯޓުން ރައީސް ނަޝީދާ ހަމައަށް މިއަދާ ހަމައަށް ވެސް ފޮނުއްވާފައިނުވާ ކަމަށް އެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

ރައީސް ނަޝީދު މިހާރު އުޅުއްވަމުން ގެންދަވަނީ އެމްޑީޕީގެ "ވައުދުގެ ދަތުރުގައި" ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި ކަމަށާއި އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގެ ޝަރީއަތަށް ނަޝީދު ހާޒިރު ކޮށްދިނުމަށް އެދި ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ އިރު އެ ދަތުރު ނިންމާލެއްވުމަށް ފަހު ރައީސް ނަޝިދު މާލެ ވަޑައިގަންނަވާނީ މި މަހުގެ 13 ދުވަހު ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގައި ހިންގުމަށް ހަމަޖެހިފައިވާ އެ މައްސަލަ އެ ތާރީހުގެ ފަހުގެ ތާރީހަކަށް ތާވަލުކޮށްދެއްވުމަށާއި ތާވަލުކުރައްވާ ތާރީހަކަށް ރައީސް ނަޝީދު ކޯޓަށް ހާޒިރުވެވަޑައިގަންނަވާނޭ ކަމަށް ސިޓީއަކުން ކޯޓަށް ނަޝީދު އަންގަވާފައިވާ ކަމަށް ވެސް އެބަޔާނުގައިވެ އެވެ.

ހުޅުމާލޭ ކޯޓުން އެމައްސަލަ އެންމެ ފުރަތަމަ ޝެޑިކްކޮށްފައި ވަނީ މިމަހުގެ އެއް ވަނަ ދުވަހު އެވެ. ނަމަވެސް އެ މައްސަލަ ސެޑިލްކޮށްފައިވަނިކޮށް ކޯޓަށް ހާޒިރުވެވަޑައިނުގެތް ހަމަ އެދުވަހު ރައީސް ނަޝީދު އެމްޑީޕީގެ ވައުދުގެ ދަތުރުގައި ފުރާވަޑައިގަތުމުން އެ މައްސަަލައިގެ ޝަރީއަތް ވަނީ ކެންސަލްކޮށްފަ އެވެ.

އެމައްސަލަ ދެވަނަ ފަހަރަށް މިމަހުގެ ހަތް ވަނަ ދުވަހަށް ޝެޑިލްކޮށްފައިވާ އިރު އެދުވަހުގެ ޝަރީއަތަށް ނަޝީދު ހާޒިރުކޮށްދިނުމަށް އެދި އެކޯޓުން ނެރުނު އަމުރާ ގުޅިގެން ފުލުހުންގެ ޓީމެއް ވަނީ ދެކުނަށް ދަތުރު ފަށައިފަ އެވެ.