ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ އަށް ވުރެ މީރާ އަށް މިދިޔަ މަހު ލިބުނު އާމްދަނީ ދަށަށް ގޮސްފައިވާ ކަން ހާމަވެއްޖެ އެވެ.

މީރާ އިން އާންމު ކުރި ސެޕްޓެމްބަރު މަހުގެ އާމްދަނީ ހިސާބުތަކުން ދައްކާ ގޮތުން މީރާ އަށް އާމްދަނީގެ ގޮތުގައި މިދިޔަ މަހު ލިބުނު 616.3 މިލިއަން ރުފިޔާއަކީ އެ އޮތޯރިޓީ އަށް ލިބޭނެ ކަމަށް ލަފާކުރި އަދަދަށް ވުރެ ދެ ޕަސެންޓް ދަށަށް އަދަދެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ލިބުނު 531.4 މިލިއަން ރުފިޔާ އަށް ވުރެ މި ދިޔަ މަހު ލިބުނު އާމްދަނީއަކީ 16 ޕަސެންޓް އިތުރު އަދަދެކެވެ.

މިއަހަރުގެ ނުވަ މަސް ދުވަސް ފާއިތުވީ އިރު މީރާ އަށް ލިބުނު އާމްދަނީ ވަނީ 5.7 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ.

މީރާގެ އޮފިޝަލަކު ވިދާޅުވީ އަންދާޒާކުރި ޢަދަދަށް ވުރެ މަދުން އާމްދަނީ ލިބުނީ ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރި ވަރަށް ފައިސާ ނުލިބުމުން ކަމަށެވެ. ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ލިބިފައި ވަނީ 224.4 މިލިއަން ރުފިޔާ އެވެ. އަދި ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި މިހާތަނަށް ނުލިބިވާ ފައިސާގެ ތެރެއިން 19.2 މިލިއަން ރުފިޔާ މީރާއަށް ވަނީ މި މަހުގެ މިހާތަނަށް ލިބިފަ އެވެ. އަދި ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި މިއަހަރުގެ މިހާތަނަށް ޖުމްލަ 770.5 މިލިޔަން ރުފިޔާ މީރާއަށް ލިބިފައިވެ އެވެ. ޓޫރިޒަމް ލޭންޑް ރެންޓަކީ މީރާއަށް ލިބޭ އާމްދަނީގެ 36.4 ޕަސެންޓެވެ.

ވިޔަފާރީގެ ފައިދާ އިން ނެގޭ ޓެކްސް ނޫނީ ބީޕީޓީގެ ގޮތުގައި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޖުމްލަ 1.3 ބިލިޔަން ރުފިޔާ ލިބިފައިވާ އިރު މުދަލާއި ހިދުމަތުގެ އަގުން ނެގޭ ޓެކްސްގެ ގޮތުގައި ޖުމްލަ 1.9 ބިލިޔަން ރުފިޔާ ވަނީ ލިބިފަ އެވެ. ޓޫރިޒަމް ޓެކްސް ނޫނީ، ބެޑް ޓެކްސްގެ ގޮތުގައި 607.5 މިލިޔަން ރުފިޔާ މީރާއަށް ވަނީ ލިބިފަ އެވެ.