ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީން ކަނޑައަޅާ ރިޔާސީ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ރަސްމީކޮށް އިއުލާނު ކުރައްވައިފިއެވެ.

އަދި އެމަނިކުފާނުގެ ރަނިންމޭޓެއްގެ ގޮތުގައި ނެރުއްވަން ނިންމަވާފައިވަނީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ކަމަށްވެސް ވަނީ ހާމަކުރައްވާފައެވެ.

ފައިސަލް މިކަން ހާމަކުރެއްވީ މިއަދު ހެނދުނު ރާއްޖެ ޓީވީން ގެނެސްދިން "ފަށާއިރު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ، "އަޅުގަނޑު ނިންމައިގެން މި ހުރީ ﷲ އިރާދަކުރެއްވިއްޔާ 2028 ގައި މި އޮންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ކުރިއަށް މި އޮތް ރިޔާސީ ޕްރައިމަރީގައި ބައިވެރިވެ، ވާދަ ކުރަން،" ކަމަށެވެ.

ފައިސަލްގެ ރަނިންމޭޓެއްގެ ގޮތުގައި ނުކުންނަވަން ނިންމެވި ސަބަބާ ގުޅޭގޮތުން ވާހަކަދައްކަވަމުން މޭޔަރު އާދަމް އާޒިމް ވިދާޅުވީ، އެމްޑީޕީގެ ވެރިކަމެއްގައި ރައީސް އަދި ނައިބު ރައީސަކީވެސް އެ ޕާޓީގެ ބޭފުޅުންނަށް ވުމަކީ މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލު ކުރި ގޮތުގައި އެމްޑީޕީގެ ވެރިކަމެއްގައި އެމްޑީޕީގެ ރައީސްއަކާއި އެމްޑީޕީގެ ނައިބު ރައީސަކު ހުރުމަކީ ވަރަށް މުހިންމު ކަމެއް. އެގޮތުން ވީޕީ ފައިސަލްގެ ދައުވަތު އަޅުގަނޑު ގަބޫލުކޮށް، ފައިސަލްގެ ނައިބު ރައީސްއެއްގެ ގޮތުގައި ކުރިއަށްދާން ތައްޔާރުވެގެން މި ހުރީ،" އާޒިމް ވިދާޅުވިއެވެ.

މި ނިންމެވުން ނިންމެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރިހަމަ އެއްބާރުލުމާއި މަޝްވަރާއާއެކު ކަމަށް ދެ ބޭފުޅުންވެސް ފާހަގަކުރެއްވިއެވެ. މިކަމާ ގުޅޭގޮތުން ފައިސަލް ވިދާޅުވީ ޕާޓީގެ ގިނަ ބޭފުޅުންނާއި އާންމު ރައްޔިތުންނާ މަޝްވަރާ ކުރެވުނު ކަމަށާއި، ހާއްސަކޮށް ރައީސް ސޯލިހުގެ ބޮޑު އެއްބާރުލުމެއް މިކަމުގައި ލިބިގެންދިޔުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ފައިސަލް ވިދާޅުވީ ޕްރައިމަރީން ނާކާމިޔާބުވީ ނަމަވެސް، ޕްރައިމަރީ ކާމިޔާބުކުރައްވާ ބޭފުޅަކާއެކު، "އެ ބޭފުޅަކަށްވުރެ ބޮޑަށް އެމްޑީޕީއަށް ވެރިކަން ހޯދައިދޭން" އޭނާ މަސައްކަތްކުރައްވާނެ ކަމަށެވެ.

ފައިސަލް ނަސީމް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނު ކުރެއްވުމާއެކު، އެމަނިކުފާނު ވެގެން ގޮސްފައިވަނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން ހާމަކުރެއްވި ހަތަރުވަނަ ބޭފުޅާއަށެވެ. މީގެކުރިން ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް، ކުރީގެ ރައީސް އަބްދުﷲ ޝާހިދު އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު ޝަމްހީދު ވެސް ވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައެވެ.