ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފެބްރުއަރީ 7، 8ގައި ސަލާމަތީ ބާރުތަކުން އަނިޔާކުރި ކަމަށް ބުނެ، އެމްޑީޕީން މަޖިލީހުގެ އިމްތިޔާޒް ކޮމެޓީ އަށް ހުށަހަޅާފައިވާ މައްސަލަ ބެލުން ހުއްޓިފައި ވަނީ އެ ޕާޓީން ކޮމެޓީ އަށް ހާޒިރުނުވެގެން ކަމަށް އިމްތިޔާޒު ކޮމެޓީން ބުނެފި އެވެ.

ސަލާމަތީ ބާރުތަކުން އެމްޑީޕީގެ މެންބަރުނަށް އަނިޔާކުރި މައްސަލަ ބެލުމަށް މިދިޔަ ބުރާސްފަތި ދުވަހު ވެސް އެޖެންޑާ ކުރި އެވެ. ނަމަވެސް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ކޮމެޓީ އަށް ހާޒިރުވެފައި ނުވާތީ އެ ދުވަހު ވެސް އެ މައްސަލަ ބެލޭ ގޮތެއް ނުވި އެވެ. އެއީ އެ މައްސަލަ ކޮމެޓީ އަށް އެޖެންޑާ ކުރި ދެ ވަނަ ފަހަރު ކަމަށް އިމްތިޔާޒް ކޮމެޓީން ބުންޏެވެ.

ބުރާސްފަތި ދުވަހުގެ ބޭއްވި އިމްތިޔާޒް ކޮމެޓީގެ ބައްދަލުވުމުގައި އެ ކޮމެޓީގެ މުގައްރިރު، މަތިވެރި ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ވިދާޅުވީ މެންބަރުންނަށް އަނިޔާކުރި މައްސަލާގައި އެމްޑީޕީން ވީޑިއޯ ފުޑޭޖުތައް ވެސް ހުށަހަޅާފައިވާ ކަމަށާއި އެ ވީޑިއޯތައް ކޮމެޓީ އަށް ޕްރެޒެންޓޭޝަނެއްގެ ގޮތުގައި ހުށަހެޅާނެ ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ބުނެފައިވާ ކަމަށެވެ.

ހުސައިން ވިދާޅުވީ މަޖިލިސް މެންބަރުނަށް އަނިޔާ ކުރި މައްސަލަ ބެލުމަށް އިންޓަ-ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) އިން ވެސް މަޖިލީހަށް އަންގާފައިވާ ކަމަށެވެ.

މަޖިލިސް މެންބަރުނަށް އަނިޔާކުރި މައްސަލަ އިމްތިޔާޒު ކޮމެޓީން ދިރާސާ ކުރަމުންދާއިރު، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ދެ މެންބަރުން ކަމުގައިވާ ހިތަދޫ މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ހައްޔަރު ކުރި މައްސަލަ ވެސް ކޮމެޓީން ދަނީ ބަލަމުންނެވެ.

އައްޑޫގައި ހުޅުޖެހި މައްސަލާގައި މެޓްރިކް މޯޑް ފުލުހުން ހައްޔަރު ކުރީ ކޯޓް އަމުރެއްގެ ދަށުން ކަމަށާއި ނަމަވެސް އިންތި ހައްޔަރު ކުރީ ކޯޓް އަމަރެއްގެ ދަށުން ނޫން ކަމަށް އިމްތިޔާޒު ކޮމެޓީގެ މުގައްރިރު ވިދާޅުވި އެވެ.

"އެ ދެ މެންބަރުން ހައްޔަރު ކުރި މައްސަލައިގެ ރިޕޯޓްގެ ޑްރާފްޓް އަޅުގަނޑުމެން ވާނީ ނިންމާފައި. އެ ޑްރާފްޓާ މެދު މެންބަރުންނަށް ވަނީ އެއްބަސްވެވިފައި. އެހެންވީމާ މުހައްމަދު ރަޝީދާއި އިންތި ހައްޔަރު ކުރި މައްސަލައިގެ ރިޕޯޓް ކޮމެޓީން ފާސް ކުރުމާ އެކު އަޅުގަނޑުމެން މަޖިލީހުގެ ރައީސްއަށް ފޮނުވާނަން،" އިމްތިޔާޒު ކޮމެޓީގެ މުގައްރު ވިދާޅުވި އެވެ.