އިސްތަންބޫލް (އޮކްޓޯބަރ 6): ސޫރިޔާ ސިފައިންގެ ފައިޓާ ޖެޓް މަތިންދާބޯޓެއް ވައްޓާލައިފިކަން އެ ޤައުމުގެ އިދިކޮޅު ހަނގުރާމަވެރިން އިޢްލާންކޮށްފި އެވެ. އިދިކޮޅު ހަނގުރާމަވެރިން ބުނީ ސޫރިޔާ ސިފައިން ބޮންއެޅުމަށް ބޭނުންކުރާ މިގް މަރުކާގެ މަތިންދާބޯޓު ވައްޓާލީ ވެރިރަށް ދިމިޝްޤުގެ ރަށްފުށުގެ ހިސާބެއްގެ މައްޗަށް ކަމުގަ އެވެ.

މީގެ ކުރިން ހަނގުރާމަވެރިން ވަނީ ހަމަ މިސަރަޙައްދަށް ސޫރިޔާ ސިފައިންގެ ޢަސްކަރީ ހެލިކޮޕްޓަރެއް ވެސް ވައްޓާލިކަން މީގެ ދެދުވަސްކުރިން އިޢްލާންކޮށްފަ އެވެ. ހަނގުރާމަވެރިންނަށް ތާއީދުކުރާ ސޫރިޔާގެ އިދިކޮޅު އެކްޓިވިސްޓުން ވަނީ ވައްޓާލިކަމަށް ބުނާ މި ހެލިކޮޕްޓަރާއި ފައިޓާ ޖެޓްގެ ފޮޓޯތައް ވެސް ދައްކާފަ އެވެ. އަނެއްކޮޅުން ސޫރިޔާ ސިފައިންގެ ޙަމަލާތަކުގައި އެޤައުމުގައި އިއްޔެ ވެސް 127 މީހަކު އެ ޤައުމުގެ އިދިކޮޅު ލޯކަލް ކޯޑިނޭޝަން ކޮމިޓީތަކުން ހާމަކުރެ އެވެ. މީގެތެރޭގައި 10 ކުޑަކުއްޖަކާއި ހަތަރު އަންހެނުން ހިމެނޭކަން ވެސް ހާމަކޮށްފައިވެ އެވެ.

އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ސޫރިޔާގެ އޮބްޒަވޭޓްރީން ބުނީ އަލްޤަސީރު ސިޓީގެ އެއްޢާއިލާއަކުން ހަތަރު މީހުން އިއްޔެ މަރާލާފައިވާ ކަމުގަ އެވެ. މިހާރު ޙަމަލާތައް އެންމެ ވަރުގަދައަށް ހިނގަމުންދަނީ ދިމިޝްޤުގެ ރަށްފުށުގެ ހިސާބުތަކުގަ އާއި އަލްޤަރާދިޙާގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިން އެމީހުންނަަށް ވާގިވެރިވާ ޤައުމުތަކަށް އިއްޔެ ގޮވާލާފައި ވަނީ ސޫރިޔާގެ ނިޒާމް ބަލިކޮށްލުމަށް ޓަކައި ހަތިޔާރު ފޯރުކޮށްދިނުމަށެވެ. ހަތިޔާރުން ނޫނީ މައްސަލަ ޙައްލުނުކުރެވޭނެ ކަމަށް ވެސް ހަނގުރާމަވެރިން އިއްޔެ ނެރުނު ބަޔާނެއް ބުނެ އެވެ.(އަލްޖަޒީރާ)