ޑީއާރުޕީ އާއި ސަރުކާރާ ދެމެދު މިހާރު ކުރަމުންދާ މަޝްވަރާތަކާ އެއްގޮތަށް ކޮންމެ 10000 މީހުންގެ އާބާދީއެއްގައި ސިޓީ ކައުންސިލް ގާއިމު ކުރެވޭ ގޮތަށް ގާނޫނަށް ބަދަލު ގެނެވިއްޖެ ނަމަ ރާއްޖޭގެ ހަތަރު ސަރަހަށްދެއްގައި މޭޔަރުން ތިއްބަވާނެ ކަމަށް ޕްރެސް ސެކްރެޓަރީ މުހަންމަދު ޒުހައިރު މިއަދު ވިދާޅުވެއްޖެ އެވެ.


ސަންއެފްއެމް އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ޒުހައިރު ވިދާޅުވީ އެއްފަސްކޮށް ގުޅިފައި އޮންނަ ރަށްރަށުގައި ވަކިވަކި ކައުންސިލްތައް ހެދުމުގެ ބަދަލުގައި އެފަދަ ތަންތަނުގައި ސިޓީ ކައުންސިލް ގާއިމުކުރެވިއްޖެ ނަމަ ވަޒީފާ އަށް ލައްވަން ޖެހޭ ކައުންސިލަރުންގެ އަދަދު ވެސް މަދުވާނެ ކަމަށެވެ.


"ކޮންމެ ރަށެއްގައި ފަހެއް ނޫނީ ހަތް ކައުންސިލަރުން ތިއްބެވުމުގެ ބަދަލުގައި މުޅި އެ ސަރަހައްދަކީ ސިޓީއެއް ކަމަށް ބައްލަވައި [ހަމަޖެއްސިޖެއްޖެ ނަމަ] އެބައި [ބަޖެޓަށް] އެބަ ލުއިވޭ،" ޒުހައިރު ވިދާޅުވި އެވެ.


ލޯކަލް ކައުންސިލްގެ ގާނޫނު މިހާރު އޮތް ގޮތުން ޒުހައިރު ވިދާޅުވީ، ސިޓީ ކައުންސިލެއް ގާއިމުކުރުމުގެ ފުރުސަތު އޮތީ ހަމައެކަނި ވެރިރަށް މާލޭގައި ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ ގާނޫނަށް އެ ބަދަލު ގެނެވިއްޖެ ނަމަ މާލޭގެ އިތުރަށް އައްޑު އަތޮޅާއި ކުޅުދުއްފުށީ ސަރަހައްދާއި ފުވައްމުލަކުގައި ސިޓީ ކައުންސިލް ގާއިމުކުރުމުގެ ފުރުސަތު ތަނަވަސް ވާނެ ކަމަށެވެ.


ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ގައިދަށް ވެފައި ވަނިކޮށް ގާނޫނަށް ބަދަލު ގެނައުމުގެ ވާހަކަ ސަރުކާރުން ދައްކަނީ އިންތިހާބު ފަސްކުރުމަށް ދައްކަވާ ވާހަކައެއްތޯ ދެންނެވުމުން ޒުހައިރު ވިދާޅުވީ "އޭގައި ލަސްކުރައްވާކަށް ބޭނުންފުޅެއް ނުވާ" ކަމަށެވެ.


އޭނާ ވިދާޅުވީ މި އަހަރު 31 ޑިސެމްބަރުގެ ކުރިން އިންތިހާބު ބޭއްވުމަށް ޑީއާރުޕީން ވެސް ބޭނުންވާ ކަމަށާއި އަދި އެއީ ސަރުކާރުގެ ވެސް ވިސްނުން ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ވެސް އެގޮތަށް ބާރު އަޅާ ކަމަށެވެ.


"މަޖިލީހުގެ ތަޅުމާ ހަމައަށް [ބިލް] ދެވޭ އިރު ވެސް މައިގަނޑު ދެ ޕާޓީގެ މެދުގައި... އެއްބަސްވުންތަކެއް އެއްބަސްވެފައި އޮވެއްޖިއްޔާ އެ ބޭފުޅުންގެ މަސައްކަތް ކުރަންވަން ވެސް ފަސޭހަފުޅުވާނެ،" ވާހަކަތައް ދައްކަވާ ސަބަބު ޒުހައިރު ވިދާޅުވި އެވެ.


ޕްރެސް ސެކްރެޓަރީ ވިދާޅުވި ގޮތުގައި ސަރުކާރުގެ ވިސްނުމަކީ ހަތަރު ނޯޓިކަލް މޭލުގެ ސަރަހައްދެއްގައި އޮންނަ ރަށެއް ނަމަ ޖެހިގެން އޮންނަ ބޮޑު ރަށާ ކައުންސިލްގެ ގޮތުން ގުޅާލުމެވެ.


ބޮޑު ދެޕާޓީގެ ވާހަކަތަކުގައި ބައިވެރި ވަނީ ޒުހައިރު ވިދާޅުވި ގޮތުގައި، ސަރުކާރުގެ ފަރާތުން ހޯމް މިނިސްޓަރު މުހަންމަދު ޝިހާބާއި ޓްރާންސްޕޯޓް މިނިސްޓަރު މުހަންމަދު އަސްލަމާއި ހޯމް، ސްޓޭޓް މިނިސްޓަރު މުހަންމަދު ޝަފީގާއި ފިޝަރީޒު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދާއި ހޯމް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު ޝަރީފު ނަފީސު ކަމަށެވެ.  


އަނެއް ކޮޅުން ޑީއާރުޕީން ބައިވެރިވެވަޑައި ގަންނަވަނީ ޑީއާރުޕީގެ ނާއިބު ލީޑަރު އިބްރާހީމް ޝަރީފާއި ރައްޔިތުންގެ މަޖިލީހުގެ ތުލްސްދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމާއި ގަލޮޅު ދެކުނު ދާއިރާގެ އަހުމަދު މަހުލޫފާއި ހަނިމާދޫ ދާއިރާގެ މުހަންމަދު މުޖުތާޒެވެ.


ޑީއާރުޕީގެ ނައިބު ރައީސް އިބްރާހީމް ޝަރީފު މިއަދު ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ "ބަހަނާއެއް ދައްކައިގެން" އިންތިހާބު ލަސްކުރުން ކަމަށާއި އެއް އަތޮޅެއްގެ ދެ ރަށެއް ގުޅުވާލަން ބޭނުން ނަމަ ގާނޫނަށް ބަދަލު ނުގެނަޔަސް، އެ ދެ ރަށެއްގެ ރައްޔިތުންގެ ތާއީދާ އެކު އެއްފަސްކޮށް އޮންނަ ދެ ރަށެއް ގުޅުވާލެވިދާނެ ކަމަށާއި ގާނޫނުން އެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ކަމަށެވެ. ގުޅުވާލާ ދެ ރަށެއްގެ ރައްޔިތުންގެ ތާއިދު ނެތް ގޮތަކަށް އެކަން ކުރަން ޑީއާރުޕީ ތާއީދު ނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެގޮތަށް ހަތަރު ނޯޓިކަލް މޭލުގެ ސަރަހައްދުގައި ހުންނަ ރަށްތައް ގުޅުވާލައިގެން ހަރަދު ވެސް ކުޑަ ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.