06 Oct 2012, 09:26
މާބަނޑު ދުވަސްވަރު އަންހެނުން ލޭމައްޗަށް ދިޔުމަކީ ބަނޑުގައިވާ ކުއްޖާގެ ސިކުނޑިއަށް ގެއްލުންލިބޭ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ކުއްޖާގެ ވިސްނުމުގެ ބާރު ދަށަށް ގޮސް ތޫނުފިލިކަން ކުޑަވާކަމަށް ދިރާސާއަކުން ހާމަވެއްޖެ އެވެ.
ފިންލެންޑްގެ ހެލްސިންކީ ޔުނިވަސިޓީގައި ޑޮކްޓަރު ކެޓްރީ ރައިކޮނިން އާއި އޭނާގެ ރަޙްމަތްތެރިން ކުރި ދިރާސާއެއްގައި މާބަނޑު ދުވަސްވަރު ލޭމައްޗަށް ދިޔަ އަންހެނުން ވިހާފައިވާ ފިރިހެން ކުދިންނަށާއި މާބަނޑު ދުވަސްވަރު ލޭމައްޗަށް ނުދާ އަންހެނުން ވިހާފައިވާ ފިރިހެން ކުދިންނަށާއި ޚާއްސަކޮށްގެން ދިގުމުއްދަތުގެ ދިރާސާއެއް ކުރި އެވެ. މިދިރާާސާގެ ނަތީޖާ ދައްކަނީ މާބަނޑު ދުވަސްވަރު ލޭމައްޗަށް ދިޔަ އަންހެނުން ވިހާފައިވާ ކުދިންގެ ވިސްނުމުގެ ބާރު އެނޫން ކުދިންނާ އަޅާކިޔާއިރު ދަށްކަމުގަ އެވެ.
ވިސްނުމުގެ ބާރު ކޮށިކަން އެންމެ ބޮޑަށް ފެންނަނީ ހިސާބުގެ ޢިލްމު ކިޔަވާ އިރު ކަން ވެސް މިދިރާސާ އިން ހާމަވެފައިވެ އެވެ. މިދިރާސާ ކުރުމަށްޓަކައި ސާމްޕަލްގެ ގޮތުގައި 398 ފިރިހެންކުދިން ނަގައި އެމީހުންގެ ވިސްނުމުގެ ބާރު އިމްތިޙާން ކޮށްފައިވެ އެވެ. މިދިރާސާ ނެރެފައި ވަނީ ނިއުރޮލޮޖީ މަޖައްލާގަ އެވެ.
މިދިރާސާކުރުމުގައި އިސްކޮށް އުޅުއްވި ޑޮކްޓަރު ކެޓްރީ ރައިކޮނިން ވިދާޅުވި ގޮތުގައި މާބަނޑު އަންހެނުންގެ ގެތެރެއިން 10 ޕަސެންޓް އަންހެނުން މާބަނޑު ދުވަސްވަރު ލޭމައްޗަށް ދެ އެވެ. ކުއްޖާގެ ސިކުނޑި އުފެދި ބޮޑުވާ އިރު މަންމަގެ ލޭ މައްޗަށް ދިޔުމަކީ ސިކުނިޑއަށް ގެއްލުން ލިބޭ ކަމެއްކަން މިދިރާސާ އިން ވަރަށް ރަނގަނޅަށް ހާމަވެފައިވާ އޭނާ ވިދާޅުވި އެވެ. (ޑެއިލީ ޓެލެގްރާފް)