05 Oct 2012, 23:50
ރަހުމު ކުޑަ ގޮތަކަށް ޝަހީދު ކޮށްލެވުނު މަޝްހޫރު ދީނީ އިލްމު ވެރިޔާ އަދި އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ ފަހަތުގައިވާ ގާތިލުން އިންސާފުގެ ކުރިމައްޗަށް ގެންނަން، ޕީޕީއެމްއަށް ލިބިފައިވާ ހުރިހާ ބާރެއްގެ ބޭނުން ކުރާނެ ކަމަށް އެ ޕާޓީގެ ނައިބު ލީޑަރު، އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެ އެވެ.
އަފްރާޝީމްގެ ހަނދާނުގައި އޭނާގެ އުފަން ރަށް، ރ.އުނގޫފާރުގައި ޕީޕީއެމްއިން ބާއްވާ ތައުބީނުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ އަފްރާޝީމްއަށް ހަމަލާދީ އަވަހާރަކޮށްލުމަކީ އާދައިގެ ކަމެއްގެ ގޮތުގައި ބަލައިގެން ޕީޕީއެމްއިން ނުތިބޭނެ ކަމަށާއި ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން އެ ޕާޓީއަށްވެސް ބާރުތަކެއް ލިބިގެންވާ ކަމަށެވެ.
"އަފްރާޝީމް ގެ މަރަކީ އާދައިގެ ކަމަކަށް ބަލައިގެން ދޫ ކޮށެއް ނުލާނަން. އަޅުގަނޑުމެންނަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ. އެހެންވީމައި މި ކަމުގައި ޕީޕީއެމް އަށް ލިބިފައި އޮތް ހުރިހާ ސިޔާސީ ބާރެއްގެ ބޭނުން ކުރާނަން،" އުމަރު ވިދާޅުވި އެވެ.
އަފްރާޝީމް ގައުމަށް ކޮށްދެއްވި ހިދުމަތް ސިފަކުރައްވަމުން އުމަރު ވިދާޅުވީ އަފްރާޝީމް އަކީ ނުރައްކާތެރި މުޖުތަމައެއްގައި ދީނުގެ ހައްގު ބަސް ބުނަން ޖިހާދު ކުރެއްވި މުޖާހިދެއް ކަމަށެވެ. އެ މަނިކުފާނަކީ އެހެން ދީންތައް ރާއްޖެ އައުމާއި ދެކޮޅަށް އެންމެ ބޮޑު ޖިހާދެއް ކުރެއްވި ދީނީ އެއް އިލްމް ވެރިޔާކަމަށް އޭނާ ސިފަކުރެއްވި އެވެ.
"މިއީ އެހެން ދީން ތަށް ރާއްޖެ އަށް އަޔަނުދިނުމަށް ކުރެވޭ ޖިހާދެއް. މިއީ އިސްލާމް ދީނުގެ ދަންމަރު މި ގައުމުގައި އުފުލުމަށް ޓަކައި ކުރެވޭ ޖިހާދެއް. މި ޖިހާދުގައި އަޅުގަނޑުމެންގެ އަޚަކު އެ ޝަހީދު ކޮށްލެވުނީ. ނަމަވެސް މި ޖިހާދު ދާނީ އޮވެގެން ކުރިއަށް. ކުރާށޭ ކުރާށޭ މި ގައުމީ ޖިހާދު.ކުރާށޭ އަލުން ޚިދުމަތެއް ލިލް ބިލާދު." އުމަރު ވިދާޅު ވިއެވެ.
އެ ޖަލްސާގައި ވާހަކަދައްކަވަމުން ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކުވެސް ވިދާޅުވީ އަފްރާޝީމްގެ ގާތިލުންނަށް ހައްގު އަދަބު ދިނުމަށް އެ ޕާޓީން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށާއި އެކަމަށް އެ ޕާޓީއަށް ލިބޭ ސިޔާސީ ހުރިހާ ބާރެއް ބޭނުން ކުރާނޭ ކަމަށެވެ.
"މިކަން ހުއްޓުވެން އަންނަނީ މަރުގެ އަދަބު ތަންފީޒުކޮށްގެން، އެހެންނޫނީ ހުއްޓުވެން ނެތް، މިޕާޓީން އެކަމުގައި ފަހަތަށް ނުޖެހި މަސައްކަތް ކުރާނަން،" ނިހާން ވިދާޅުވި އެވެ.
އުނގޫފާރުގައި ކުރިއަށްދާ ތައުބީނުގެ ޖަލްސާގައި އުނގޫފާރު ދާއިރާގައި ހިމެނޭ ހުޅުދުއްފާރުންވެސް މީހުން ބައިވެރިވާއިރު އަފްރާޝީމްގެ އަބިކަނބަލުންނާއި ދޮށީ ދަރިފުޅާއި އަފްރާޝީމްގެ ބައްޕާފުޅުވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ. އަދި މަޖިލީހުގެ ބައެއް މެންބަރުންނާއި ކުރީގެ ރައީސް މައުމޫންވެސް އަންނަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.