ދައުލަތް ހިންގުމަށް މިއަހަރުގެ މިހާތަނަށް ހަރަދުކޮށްފައިވާ ފައިސާގެ އަދަދު 10 ބިލިއަން ރުފިޔާއާ ގާތްކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ހަފްތާއަކު އެއްފަހަރު އާންމުކުރާ ދައުލަތުގެ ހަރަދުތަކުގެ ތަފްސީލްތަކުން ދައްކާ ގޮތުން މިއަހަރުގެ ނުވަ މަސް ފާއިތުވީއިރު ދައުލަތުގެ ޖުމްލަ ހަރަދުވަނީ 9.6 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ. ނަމަވެސް ދައުލަތުގެ އާމްދަނީއަކީ 7.1 ބިލިއަން ރުފިޔާ އެވެ. އެއީ 2.5 ބިލިއަން ރުފިޔާގެ ޑެފިސިޓް ޖެހޭ ވަރުގެ އަދަދެކެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލީހުގެ ފާސްކުރި ދައުލަތުގެ ބަޖެޓަކީ 14 ބިލިއަން ރުފިޔާގެ ބިޔަ އަދި 3.8 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން މިހާރު ލަފާކޮށްފައިވަނީ ބަޖެޓް ޑެފިސިޓް ހަ ބިލިއަން ރުފިޔާއާ ގާތްކުރާނެ ކަމަށެވެ.

ދައުލަތުގެ ހަރަދުތަކުގެ ތެރެއިން ރިކަރަންޓް ހަރަދުތަކަށް 6.85 ބިލިއަން ރުފިޔާ ހަރަދުވީއިރު ކެޕިޓަލް ހަރަދުތަކަށް 1.2 ބިލިއަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ. ދައުލަތުން އެންމެ ބޮޑު ހަރަދެއް ހިނގަނީ މުވައްޒަފުންގެ މުސާރައަށެވެ. މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ޖުމްލަ 3.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އަދި ދައުލަތުގެ އޮފީސްތައް ހިންގުމުގެ ހަރަދަށް ދައުލަތުން 3.3 ބިލިއަން ރުފިޔާވަނީ ހަރަދުކޮށްފަ އެވެ.

އެގޮތުން ދައުލަތުގެ މަސްއޫލު އޮފީސްތަކުގެ ޖުމްލަ ހަރަދަށް 9.6 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އެންމެ ގިނައިން ހަރަދުކޮށްފައިވަނީ ހެލްތް މިނިސްޓްރީއަށެވެ. އެ މިނިސްޓްރީއަށް 1.5 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. ދެން އެންމެ ގިނައިން ހަރަދުކުރި، ހެލްތް މިނިސްޓްރީން 1.1 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އަދި ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓުންވެސް 3.2 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް 83.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ރައްޔިތުންގެ މަޖިލީހަށް 123.2 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

ނަގާފައިވާ އެކި ލޯނުތައް ދެއްކުމަށްވެސް 1.5 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އެއީ ކުރުމުއްދަތުގެ ޑޮމެސްޓިކް ލޯނު އަބުރާދެއްކުމަށް 2.6 މިލިއަން ރުފިޔާ އާއި ދިގުމުއްދަތުގެ ޑޮމެސްޓިކް ލޯން އަބުރާ ދެއްކުމަށް 874 މިލިއަން ރުފިޔާ އަދި ބޭރުގެ ދަރަނި ހަލާސްކުރުމަށް 669 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

މިއަހަރު ނިމޭއިރު ދައުލަތުގެ ޖުމްލަ ދަރަނި 20 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ފިނޭންސުންލަފާކުރެ އެވެ. މިދިޔަ އަހަރު ނިމުނު އިރު ޖުމްލަ ދަރަނި ހުރީ 23 ބިލިއަން ރުފިޔާގަ އެވެ. އެއީ ގައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު ރިއަލް ޖީޑީޕީން، 115 ޕަސެންޓާއި ގާތްކުރާ އަދަދެކެވެ. ދެހާސް އަށް ވަނަ އަހަރުގެ ރާއްޖޭގެ ދަރަނި އުޅެނީ 9.8 ބިލިއަން ރުފިޔާގަ އެވެ.