05 Oct 2012, 20:10
ދެހާސް ހަތް ވަނަ އަހަރު ސަލްޓަންސް އޮފް ދަ ސީސީް އިން ރާއްޖެ އެތެރެ ކުރި ލޯންޗުތަކެއްގެ އަގު ކުޑަކޮށްދިން ކަމުގެ ތުހުމަތުގައި ކަސްޓަމްސްގެ ކުރީގެ ވެރިޔާ މ. ބާރަނާ އިބްރާހިމް ޝާފިއުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.
އެ މައްސަލައިގައި ޝާފިއުގެ މައްޗަށް ކޮށްފައި ވަނީ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން އެހެން ފަރާތަކަށް ނާޖާއިޒު ފައިދާ ހޯއްދަވައިދެއްވި ކަމުގެ ކުށުގެ ދައުވާ އެވެ.
ޝާފިއުގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ، އޭނާ ކަސްޓަމްސްގެ އިސްވެރިޔާގެ ގޮތުގައި ހުރެ 2007 ވަނަ އަހަރު ސަލްޓަންސް އޮފްދަ ސީސް އިން ރާއްޖެ އެތެރެކުރި ދެ ލޯންޗެއްގެ މައުލޫމާތު އޮޅުވާލުމުން އެ ކުންފުނި ޖޫރިމަނާކުރުމަށް އެންގިނަމަވެސް ޖޫރިމަނާ ނުކޮށް އެ ދެ ލޯންޗްގެ ޑިއުޓީގެ އަގު ކުޑަކޮށްދީފައިވާ ކަމަށް ތުހުމަތު ކޮށެވެ.
ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނަނީ ދައުވާއަށް އޭނާ އިންކާރުކޮށްފައިވާއިރު، ދައުލަތުން ހުށަހެޅި ލިޔުންތަކާއި ހެކީންގެ ހެކިބަހުން އޭނާ އެކަން ކުރިކަމަށް ޝަރީއަތަށް ސާބިތު ނުވާކަމަށެވެ. އަދި ކަސްޓަމްސްގެ އަގު ފާސްކުރާ ކޮމެޓީގައި ވެސް ޝާފިއު ހިމެނޭ ކަމަށް ދައުލަތުން ހުށަހެޅި ލިޔެކިޔުންތަކުން އެނގެން ނެތްކަމަށް ވެސް އެ ހުކުމްގައި ވެއެވެ.