އެމްފައިސާއާ ގުޅާލައިފައިވާ ޕޭޕަލް ބޭނުންކުރާ މީހުންގެ އަދަދު 5،000އަށް ވުރެ އިތުރުވެއްޖެ
އެމްފައިސާއާ ގުޅާލައިފައިވާ ޕޭޕަލް ބޭނުންކުރާ މީހުންގެ އަދަދު 5،000އަށް ވުރެ އިތުރުވެއްޖެ

އެމްފައިސާއާ ގުޅާލައިފައިވާ ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ އަދަދު 5،000އަށް ވުރެ އިތުރުވެފައިވާ ކަމަށް އުރީދޫ ފިންޓެކުން ހާމަކޮށްފިއެވެ.

އުރީދޫ ފިންޓެކުން ހާމަކޮށްފައިވާ ގޮތުގައި، ގިނަ އަދަދެއްގެ މީހުން ޕޭޕަލްގެ ޚިދުމަތް ބޭނުންކުރުމަކީ، ރާއްޖޭގައި ބައިނަލްއަގުވާމީ ޑިޖިޓަލް ޕޭމަންޓް ޚިދުމަތްތައް ހޯދުމުގެ ފުރުސަތު ފުޅާކުރުމުގައި ޙާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެކެވެ.

މިދިޔަ ޖޫން މަހު ޕޭޕަލް ތަޢާރަފުކުރުމާއެކު، ރާއްޖޭގެ ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓްތައް އެމްފައިސާއާ ގުޅާލައި، ޕޭޕަލްއިން ޑޮލަރު ފަސޭހަކަމާއެކު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭނެ ގޮތް ވަނީ ހަދައިފައެވެ. އަދި ނަގާފައިވާ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓްތަކަށް ޓްރާންސްފާ ކުރުމުގެ ފުރުސަތު ވެސް ކަސްޓަމަރުންނަށް ލިބޭއިރު، މީގެ ސަބަބުން ބައިނަލްއަގުވާމީ ޑިޖިޓަލް ޕޭމަންޓްތައް މެނޭޖުކުރުމުގައި އިތުރު ލުއިފަސޭހަތަކެއް ލިބޭކަން އުރީދޫން ފާހަގަކުރިއެވެ.

ޕޭޕާލް ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އުރީދޫ

އުރީދޫ ފިންޓެކުން ބުނީ، ޕޭޕަލް ތައާރަފު ކުރިތާ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި 5،000 އަށް ވުރެ ގިނަ ޔޫޒަރުންނަށް ވާސިލުވުމަކީ، ފަސޭހައިން ބޭނުންކުރެވޭ ބައިނަލްއަގުވާމީ ޕޭމަންޓް ސޮލިއުޝަންތަކަށް އޮންނަ ޑިމާންޑް އިތުރުވަމުންދާކަން ދައްކުވައިދޭ ކަމެކެވެ. ޚާއްސަކޮށް ފްރީލާންސަރުންނާއި، ވިޔަފާރިވެރިންނާއި، ކޮންޓެންޓް ކްރިއޭޓަރުންގެ އިތުރުން ރާއްޖެއިން ބޭރުން ފައިސާ ލިބޭ ފަރާތްތަކުގެ މެދުގައި މި ޑިމާންޑް ބޮޑުކަން އެ ކުންފުނިން ފާހަގަކުރިއެވެ.

މި ޚިދުމަތުގެ ޒަރީއާއިން، ކަސްޓަމަރުންނަށް ޕޭޕަލް ފައިސާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކޮށް، އެމްފައިސާއިން ބޭންކް އެކައުންޓަށް ފައިސާ ޓްރާންސްފާ ކުރުން ނުވަތަ ނަގުދު ފައިސާ ނެގޭނެއެވެ.

ޕޭޕަލްއިން އެމްފައިސާއަށް ފައިސާ ޓްރާންސްފާ ކުރުމަށް އުރީދޫން އިތުރު އެއްވެސް ފީއެއް މި ވަގުތު ނުނަގައެވެ. މި ގުޅާލުމުގެ ސަބަބުން، ދުނިޔޭގައި އެންމެ ފުޅާދާއިރާއެއްގައި ބޭނުންކުރާ އެއް ޑިޖިޓަލް ޕޭމަންޓް ޕްލެޓްފޯމް މެދުވެރިކޮށް ހޯދާ ނުވަތަ ލިބޭ ފައިސާ ދިވެހިންނަށް ފަސޭހަކަމާއެކު ނެގޭނެ މަގު ފަހިވެފައިވާކަން އުރީދޫން ފާހަގަކުރެއެވެ.

ޕޭޕަލް ގުޅާލުމަކީ، ޑިޖިޓަލް މާލީޚިދުމަތްތައްހޯދުމުގެ ފުރުސަތު ފުޅާކޮށް، ބައިނަލްއަގުވާމީ ޑިޖިޓަލް އިގުތިސާދުގައި ބައިވެރިވުމަށް ދިވެހިންނަށް އައު ފުރުސަތުތަކެއް ފަހިކޮށްދީގެން، ޝާމިލު ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމަށް އުރީދޫ މޯލްޑިވްސްއިން ވެފައިވާ ފުޅާ ވަޢުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.