އެމެރިކާ ސިފައިންނާއި ދިވެހި ސިފައިން ގުޅިގެން އަސްކަރީ ތަމްރީނުތަކެއް ފަށައިފި އެވެ.

އެމެރިކާ އެމްބަސީން ބުނީ "ކޮކްނަޓް ގްރޯވް 2012"ގެ ނަމުގައި އައްޑޫ ސިޓީގެ ގަމުގައި އިއްޔެ ފެށި ތަމްރީނުތައް މިމަހުގެ 14 ވަނަ ދުވަހާ ހަަމައަށް ކުރިއަށް ދާނެ ކަމަށެވެ.

އަދި ބުނީ މިހާރު ކުރިއަށްދާ ތަމްރީނުތަކުގެ ސަބަބުން އެމެރިކާ ސިފައިންނާއި ދިވެހި ސިފައިންނާ ދެމެދު އަސްކަރީ ދާއިރާގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ. އަދި މިތަމްރީނުތަކުގެ އަމާޒަކީ އަސްކަރީ އާއްމު ހުނަރުތައް އިތުރުކުރުމާއި ދެ ފަރާތް ގުޅިގެން އޮޕަރޭޓް ކުރުމުގެ ގާބިލުކަން އިތުރުކުރުން ކަމަށް ވެސް އެ އެމްބަސީން ބުންޏެވެ.

އަދި ބުނީ ސަރަހައްދީ ގޮތުން ދެގައުމަށް ވެސް ހުރި ސަލާމަތީ މަސްލަހަތުތަކަށް މި ތަމްރީނުތަކުގެ ސަބަބުން ކުރިއެރުން ލިބިގެންދާނެ ކަމަށެވެ.

ދިހަ ދުވަހުގެ މިތަމްރީނުގައި ސިއްހީ ކަންތައްތަކާއި ހަނގުރާމައިގެ ހާލަތުގައި ފުރާނަ ސަލާމަތްކުރުމާއި ކޮންވޯއީ އޮޕަރޭޝަނާއި އަސްކަރީ ހުނަރުވެރިކަމުގެ ދާއިރާއިން ތަމްރީނުތައް ހަދާނެ އެވެ. މި ތަމްރީނުތަކުގައި ބައިވެރިވާ އެމެރިކާ ސިފައިން އައިސްފައި ވަނީ އެމެރިކާގެ ކެލިފޯނިއާގައި ހުންނަ ކޭމްޕް ޕެންޑްލްޓަން މެރިން އެސްޕެޑިޝަނަރީ ފޯސްއިންނެވެ. އަދި އެމީހުންނަށް އެހީތެރިވެދެނީ އެމެރިކާގެ މެރިޓައިމް ސީލިފްޓް ކޮމާންްޑް އިން ކަމަށް ވެސް އެމެރިކާ އެމްބަސީން ބުންޏެވެ.

އެމެރިކާ ސިފައިންނަކީ ދިވެހި ސިފައިން ތަމްރީނުކުރުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ބައެކެވެ.