ބަނގުރާ ގެންގުޅުމާއި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ކުށުގައި މީހަކު 4000ރ. އިން ޖޫރިމަނާކޮށްފި އެވެ.

އެ ދެ މައްސަލައިގައި ޖޫރިމަނާކޮށްފައި ވަނީ ވ. ނާބިތުމަންޒިލް ނާބިތު ނަސީރެވެ.

ބަނގުރަލުގެ މައްސަލައިގައި މިދިޔަ ބުދަ ދުވަހު އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނަނީ މިދިޔަ އަހަރުގެ ޖޫން 22 ވަނަ ދުވަހު 3:15 އެހާކަންހާއިރު ވިލިމާލޭ މުހްޔުއްދީން ސްކޫލް ކައިރިން އޭނާ ހިނގާފައި ދަނިކޮށް ފުލުހުން އޭނާގެ ހަށިގަނޑު ބަލައި ފާސްކުރި އިރު އޭނާގެ ޖީންސްގެ ޖީބުން ބަނގުރާ އަޅާފައިވާ ފުޅިއެއް ފެނިފައިވާ ކަމަށް އޭނާގެ އަމިއްލަ އިއުތިރާފުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

ބަނގުރާ ގެންގުޅުމުގެ ކުށުގައި 1000ރ. އިން އޭނާ ޖޫރިމަނާކުރުމަށް ފަހު ހޯމަ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް ވެސް ވަނީ ހުކުމް ކޮށްފަ އެވެ.

ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވެފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 26 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި އޭނާ ފުލުސް އޮފީހަށް ހާޒިރުކޮށް ކުޑަކަމުދާތަކެތި ދިނުމަށް އެދުމުން އެކަމަށް އިންކާރުކޮށް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅާފައިވާ ކަމަށް ޝަރީއަތުގެ މަޖިލީހުގައި އިއުތުރާފް ވެފައިވާތީ އެވެ.

އެ މައްސަލައިގައި 3000ރ. އިން އޭނާ ޖޫރިމަނާކުރުމަށް ފަހު އެފައިސާ ހޯމަ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ދެއްކުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

މިހާރު އަމަލު ކުރަމުންދާ މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ބުނާ ގޮތުން ފުލުހުން އަންގައިގެން ކުޑަކަމުދާތަކެތި ނުދިން މީހެއްގެ އަދަބަކީ އެއް އަހަރަށް ޖަލަށް ލުމެވެ.