05 Oct 2012, 15:27
ކުރިން މަޖީދީމަގުގައި ހިންގި "އެންމެ އަގުހެޔޮ ފިހާރަ" ކައިރިން 2009 ވަނަ އަހަރު މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި މީހަކު 10 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ބޭހުގެ ގޮތުގައި ބޭނުންކުރާ މަސްތުވާއެއްޗެއް ބޭނުން ކުރުމަށް ޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގައި 10 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ ހދ. ކުޅުދުއްފުށީ ނައިޓްރޯސް އަލީ އިބްރާހިމްގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން މިދިޔަ ބުދަ ދުވަހު ކުރި ހުކުމްގައި ބުނަނީ، ސެޕްޓެމްބަރު 16، 2009 ދުވަހުގެ މެންދުރު 2:34 އެހާކަންހާއިރު މަޖީދީމަގު "އެންމެ އަގުހެޔޮ ފިހާރަ" ކައިރިން އަލީ އިބްރާހިމް ހިނގާފައި ދަނިކޮށް އޭނާ ހުއްޓުވައި އޭނާގެ ހަށިގަނޑު ބަލައި ފާސް ކުރި އިރު އޭނާ އެއްޗެއް ބިންމަންޗަށް ވައްޓާލި ކަމަށެވެ.
އެ ހުކުމްގައި ބުނަނީ އޭނާ ވައްޓާލި އެއްޗަކީ އޭނާ ބޭނުންކުރުމަށް އަތުގައި ބެހެއްޓި ބޭހުގެ ގޮތުގައި ބޭނުންކުރާ މަސްތުވާއެއްޗެއް ކަމަށް އޭނާ ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވާ ކަމަށެވެ. އަދި އެ ތަކެތި ތަހުލީލު ކުރި އިރު އޭގައި ހުރީ 0.0754 ގްރާމް ޒެނެކްސް ކަން ތަހުލީލު ރިޕޯޓުން އެނގޭ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.
މީގެ އިިތުރުން މަނާކޮށްފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމާއި، ބޭހުގެ ގޮތުގައި ބޭނުން ކުރާ މަސްތުވާ އެއްޗެއް ބޭނުން ކުރުމުގެ ކުށުގެ ދައުވާ ދައުލަތުން އޭނާގެ މައްޗަށް ކުރި ނަމަވެސް އެ ދައުވާ ޝަރީއަތަށް ސާބިތުވެފައިނުވެ އެވެ. އެ ދެ ދައުވާ ސާބިތުވެފައި ނުވަނީ އޭނާގެ ކުޑަކަމުދާ ތަކެތި ނެގުމުގައި ފުރިހަމަކުރަން ޖެހޭ އިޖުރާއަތުތަކެއް ފުރިހަމަކޮށްފައި ނުވާތީ ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމްގައިވެ އެވެ.
"މީނާގެ އަމިއްލަ އިއުތިރާފުންނާއި ގުޅިފައިވާ ގަރީނާތަކުގެ މައްޗަށް ރިއާޔަތްކޮށް ގާނޫނު ނަންބަރު 77/17 މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގެ ތިން ވަނަ މާއްދާގެ (ރ) ގެ ދަށުން 10 އަހަރު ދުވަހުގެ މުއްދަތަށް އަލީ އިބްރާހިމް ޖަލަށް ލުމަށް ހުކުމް ކޮށް، މިގަޒިއްޔާގައި ހިމެނޭ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމާއި، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ބޭނުން ކުރުމުގެ ކުށުގެ ދައުވާ ކޮށްފައި ވަނީ. އަލީ އިބްރާހިމްގެ ކުޑަކަމުދާތަކެތި ނެގުމުގައި އިޖުރާއީ ގޮތުން ފުރިހަމަކުރަން ޖެހޭ ކަންތައްތަކެއް ފުރިހަމަކޮށްފައި ނުވާތީ، މި ދެ ދައުވާ މިގަޒިއްޔާގައި ބަލައިދެވިފައި ނުވާނެކަން އަންގައި މިގޮތުގެ މަތިން ހުކުމްކޮށް މިގަޒިއްޔާ ނިންމީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައިވެ އެވެ.