ރަހުމު ކުޑަގޮތަކަށް ވަޅިން ހަމަލާދީ އަވަހާރަކޮށްލި މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަފްރާޝީމް އަލީގެ މަރުގެ ތަހުގީގު އޭގެ އެންމެ ފުންމިނަށްކޮށް، ޒިންމާވާ ފަރާތްތައް ހޯދައި އެފަރާތްތަކަށް ހައްގު އަދަބު ދިނުމުގައި އެންމެ ފިޔަވަޅެއް ވެސް ފަސްޖެހިގެން ނުވާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ދިޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ އަފްރާޝީމްގެ މަރުގެ ފަހަތުގައި ވަނީ ކޮން ބައެއްކަން ހޯދައި އެ ޖަރީމާ ހިންގަން ޖެހުނީ ކޮން ސަބަބަކާ ހުރެތޯ ބަލައި އެ ސަބަބުތައް ނައްތާލުމަށް ޓަކައި އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް ވަގުތުން އަޅަން ޖެހޭނެ ކަމަށެވެ.

"ފަހަރެއްގައި ދީނީ ވިސްނުމުގެ ސަބަބުން ނުވަތަ ބައެއް ކަހަލަ ފިކުރުތަކުގެ ސަަބަބުން ވެސް އެކަން ކޮށްފައި އޮވެދާނެ. ނޫނީ ސިޔާސީ ބޮޑު ރޭވުންތަކެއްގެ ސަބަބުން ވެސް އެކަން ކޮށްފައި އޮވެދާނެ. ނޫނީ ބޭނުންކުރާ އެއްޗެއްގެ ސަބަބުން ހިނގާ ކަމަކަށް ވެސް ވެދާނެ،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ އެފަދަ މައްސަލަތައް އާންމު ވަނީ ތަރުބިއްޔަތުގެ މަައްސަލައަކުން ކަމަށްވާ ނަމަ އެކަން ވެސް ހައްލުކުރަން ޖެހޭ ކަމަށާއި އިސްލާމީ ޝަރީއަތް ރާއްޖޭގައި ގާއިމު ކުރަންޖެހޭ ކަމަށެވެ.

"މި މުޖުތަމައުގެ ތެރޭގައި އެއްވެސް ރަހުމެއް ނެތި މީހުން މިމަރާލެވޭ ސަބަބަކީ ކޮބައިތޯ ބަލައި އެ ސަބަބު ނައްތާ ލެވެން ޖެހޭނެ. އެ ސަބަބު ނައްތާ ލެވޭނީ އިސްލާމީ ޝަރީއަތް މި ގައުމުގައި ގާއިމް ކުރެވިގެން." އިމްރާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިސްލާމް ދީނުގެ މަތިވެރި އުސޫލުތަކެއް ލިބިފައި ތިބި އިސްލާމީ ކަރާމާތާއި އަޚްލާގަށް ރައްކާތެރިވާ ބަޔަކު މިފަދަ ދަށު ދަރަޖައިގެ އަމަލެއް ނުހިންގާނެ ކަމަށާއި މި ފެންނަނީ ބައެއްގެ ކިބައިން ފެންނާނެ އެންމެ ދަށު ދަރަޖައިގެ އަމަލުތައް ކަމަށެވެ. އަދި މިއީ މުޖުތަމައުއެއްގެ ތެރެއިން ފެންނާނެ ރަހުމާއި އޯގާތެރިކަން ކުޑަ ކަމުގެ އެންމެ ފުރިހަމަ މިސާލު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހަގީގަތުގައި މިއީ އަނިޔާވެރި ކަމުގެ އިންތިހާ. ބައެއްގެ ކިބައިން ފެންނާނެ އަޚްލާގުގެ އެންމެ ދަށު ދަރަޖަ." އިމްރާން ވިދަޅު ވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ސެކިއުރިޓީ ދިނުމާ ބެހޭ ގޮތުން ވެސް އިމްރާން ވާހަކަ ދެއްކެވި އެވެ. އޭނާ ވިދާޅުވީ ދައުލަތުގެ ޒިންމާދާރު ފަރާތްތަކަށާއި މަޖިލީސް މެމްބަރުން ނަށް ސެކިއުރިޓީ ދިނުމަކީ ކުރަން ޖެހޭނެ ކަމެއް ކަމަށެވެ. ނަމަވެސް މީހުން މެރުމާއި ނުރައްކާތެރި މާރާމާރީތައް އާއްމުވުމާ ގުޅިގެން މެމްބަރުންނަށް އެކަނި ސެކިއުރިޓީ ދިނުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ މިއަދުގެ ހާލަތަށް ގައުމު އައުމުން ދިވެހި ހުރިހާ ރައްޔިތުންނަށް ވެސް ސެކިއުރިޓީ ދޭން ޖެހޭނެ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީސް މެމްބަރަކު އެކަނި މަރުވެގެންތޯ އަޅުގަނޑުމެން ކަންބޮޑުވާންވީ. ހަމަ އެކަނި މެމްބަރުން ނަށް ސެކިއުރިޓީ ދީފައި މިސާލަކަށް ހުރިހާ މަސްވެރިން މަރުވާންވީތޯ. ހުރިހާ ދަނޑުވެރިން މަރުވާން ވީތޯ." އިމްރާން ސުވާލު ކުރެއްވި އެވެ.