މާލޭގައި އެކްސިޑެންޓްތަކާއި ގަވައިދާ ހިލާފަށް ދުއްވައިގެން ލައިސަންސް ހިފަހައްޓަންޖެހުނު މިންވަރު މި ރޯދަމަހު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.


ފުލުހުންގެ ޓްރެފިކް ޑިޕާޓްމެންޓްގެ ވެރިޔާ، ޗީފް ސްޓޭޝަން އިންސްޕެކްޓަރު އަހުމަދު މުހައްމަދު މިއަދު ވިދާޅުވީ މިދިޔަ ރޯދަ މަހު މާލޭގައި 186 އެކްސިޑެންޓް ހިނގި އިރު މިއަހަރު މާލޭގައި ހިނގާފައި ވަނީ 140 އެކްސިންޓް ކަމަށެވެ.


ކުރީ އަހަރުގެ ރޯދަ މަހު މާލޭގައި ގަވައިދާ ހިލާފަށް ދުއްވައިގެން 890 މީހުންގެ ލައިސަންސް ހިފަހެއްޓި އިރު މި އަހަރު މާލޭގައި ހިފަހައްޓަން ޖެހުނީ 475 މީހުންގެ ލައިސަންސް ކަމަށް ވެސް ބުންޏެވެ.


އަހުމަދު ވިދާޅުވީ އެކްސިޑެޓްތަކަށް ބަލާއިރު މި ފަހަރު ރޯދަމަހު ހިނގާފައިވާ އެކްސިޑެންޓްތަކަކީ ކަންބޮޑުވާން ޖެހޭ ވަރުގެ އެކްސިޑެންޓްތައް ނޫން ކަމަށެވެ. އަދި ވިދާޅުވީ މި އަހަރުގެ ރޯދަމަހު މާލޭގައި އެކްސިޑެންތަކާއި ގަވައިދާ ހިލާފަށް ދުއްވިން ނިސްބަތުން މަދުވެގެން ދިޔައީ އާންމުން ، މަގުމަތީގެ ގަވައިދުތަކަށް ދިން ސަމާލު ކަމުގެ ސަބަބުން ކަމަށެވެ.