ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލްގައި މަސައްކަތް ކުރާ ޕާކިސްތާނު ޑޮކްޓަރަކު ދިރިއުޅުއްވާ ގެއަކުން ގިނަ އަދަދެއްގެ ފައިސާ އާއި ފޯނެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި އުމުރުން 51 އަހަރުގެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިއަދު ހެނދުނު ހުށަހެޅި އެ މައްސަލައާ ގުޅިގެން 51 އަހަރުގެ މީހަކު ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ހައްޔަރުކޮށްފައި ވަނީ ޑޮކްޓަރު ދިރިއުޅުއްވާ ގޭގައި އުޅޭ މީހެކެވެ.

ތިނަދޫން ވާހަކަ ދެއްކި މީހަކު ބުނީ ޑޮކްޓަރުގެ ކޮޓަރިން ވައްކަންކޮށްފައި ވަނީ ޑޮކްޓަރު ނިދާފައިވަނިކޮށް ކަމަށާއި އަދި ޑޮކްޓަރު ދިރިއުޅުއްވާ ކޮޓަރި އަށް ވަދެފައި ވަނީ އެކޮޓަރީގެ ކުޑަދޮރުގައި ޖަހާފައި ހުރި ލޫވާތައް ނައްޓާލައިގެން ކަމަށެވެ.

ތިނަދޫގައި ލޮލުގެ ޑޮކްޓަރެއް ނެތުމަށް ފަހު އެ ރަށަށް އެ ޑޮކްޓަރު ގެންގޮސްފައި ވަނީ މީގެ ދެ މަސް ދުވަސް ކުރިން ކަމަށް ތިނަދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ޑޮކްޓަރު ދިރިއުޅުއްވާ ކޮޓަރިން ގާތްގަނޑަކަށް 1800 ޑޮލަރާއި 1000 އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. އަދި ޑޮކްޓަރުގެ ފޯނާއި ވޯކްޕާމިޓް ކާޑާއި އައިޑީކާޑް ވަގަށް ނަގާފައިވާ ކަމަށް ތިނަދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.