05 Oct 2012, 13:35
ޑެންވަރު (އޮކްޓޯބަރ 5): އެމެރިކާގެ ރިޔާސީ ރޭހުގައި ވާދަކުރައްވާ އެޤައުމުގެ މިހާރުގެ ރައީސް ބަރަކް އޮބާމާ އާއި އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް މިޓްރޮމްނީގެ މެދުގައި ބޭއްވި ފުރަތަމަ ޓީވީ ބަޙްސުގައި އޮބާއާއަށް ވުރެ ރޮމްނީގެ ޤާބިލްކަން ބޮޑުކަން ހާމަވެއްޖެ ކަމަށް މިކަން ބަލައި ދިރާސާކުރި ފަރާތްތަކުން ބުނެފި އެވެ.
މިބަޙްސަށް ފަހު އެމެރިކާގެ އެބްސަސް ފައުންޑޭޝަނުން ކުރި ސަރވޭއަކުން ދައްކާގޮތުގައި ވާހަކަ ދެއްކެވުމާއި ޙުއްޖަތްތަކާއި ބުރްހާންތައް ދެއްކެވުމުގައި އޮބާމާއަށް ވުރެ ރޮމްނީ ރަނގަނޅުކަމަށް ފެނެ އެވެ. މިފައުންޑޭޝަންގެ ތަޖްރިބާކާރެއް ކަމަށްވާ ކްލިފް ޔޮންގް ވިދާޅުވީ ޓިވީ ބަޙްސް ތަކުގައި އޮބާމާއަށް ވުރެ ރޮމްނީގެ ތަޖްރިބާ ކުޑަ ނަމަވެސް ޑެންވަރުގައި ބޭއްވި ބަޙްސުގައި ޢާންމުންގެ ސަމާލުކަން ބޮޑަށް ހޯއްދެވީ ރޮމްނީ އެވެ.
ނަމަވެސް މިބަޙްސާ ގުޅިގެން ރޮމްނީގެ ތާއީދު އެެމެރިކާ ރައްޔިތުންގެ މެދުގައި އިތުރުވެފައިނުވާކަން ޚިޔާލު ހޯދުމުގެ އެހެން ސަރވޭއަކުން ހާމަވެފައިވެ އެވެ. މިހާރު ވެސް ރޮމްނީ އަށްވުރެ ހަތަރު އިންސައްތަ ތާއީދު އޮބާމާއަށް ބޮޑެވެ. ޑެންވަރުގައި ބޭއްވި ޓީވީ ބަޙްސަކީ އޮބާމާއާއި ރޮމްނީއާ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ ތިން ބަޙްސުގެ ތެރޭން ފުރަތަމަ ބަޙްސެވެ. ޑެންވަރުގެ ބަޙްސުގައި ކުރެވުނު ބައެއް ސުވާލުތަކަށް ޖަވާބު ދެއްވުމުގައި އޮބާމާ ގެ ސްމާޓްކަން ކުޑަކަން ތަޖްރިބާކާރުންގެ އިތުރުން ޢާންމުންވެސް ވަނީ ފާހަގަކޮށްފަ އެވެ.
އެމެރިކާގައި ކުރިޔަށްދާ ރިޔާސީ ކޭންޕޭންގެ ފޯރި ގަދަވެފައިވާ އިރު ރޮމްނީ އަށް ކުރިމަތިވެފައިވާ ގޮންޖެހުމަކީ އޭނާގެ ސިޔާސަތުތައް އެމެރިކާގައި މިހާތަނަށް ވެރިކަންކުރެއްވި އެންމެ ހަރުކަށި ރައީސް ކަމަށްވާ ޖޯޖް ޑަބްލިޔު ބުޝްގެ ހަނގުރާމައިގެ ސިޔާސަތުތަކާ އެއްގޮތްވެދާނެކަމުގެ ބިރު ގިނަ ބަޔަކު އިޙްސާސް ކުރަމުން ގެންދިޔުމެވެ. ރޮމްނީ އަށް ވެރިކަން ލިބިއްޖެ ނަމަ އެމެރިކާގެ ރައްޔިތުން އިތުރު ހަނގުރާމައެއްގެ ތެރެއަށް އޭނާ ވައްޓާލައްވާނެ ކަމަށް ގިނަބަޔަކު ޤަބޫލުކުރެ އެވެ.
އެމެރިކާގެ ހަރުކަށި ވަތަނީ ޚިޔާލުގެ މީހުންނާއި ޔަހޫދީ ލޮބީ ޖަމާއަތްތަކާއި ހަތިޔާރު އުފައްދާ ކުންފުނިތަކަށް ނިސްބަތްވާ ފަރާތްތައް ފިޔަވައި އެމެރިކާގެ އެހެން ޢާންމު ރައްޔިތުންނަކީ ހަނގުރާމަ އާއި ތަޅާފޮޅުމަށް ތާއީދުކުރާ ބައެއްނޫނެވެ. އޮބާމާގެ ބަލިފަޔަކީ އޭނާގެ ވެރިކަމުގައި އެމެރިކާގެ އިޤްތިސާދަށް ހެޔޮ ބަދަލެއް ގެނެވިފައި ނުވުމެވެ. (ނޫސްއެޖެންސީތައް)