މެނީލާ (އޮކްޓޯބަރ 5): ފިލިޕީންސްގައި ބޭއްވި ލޮޓެރީ އެއްގައި މަކަރު ހައްދަވައިގެން 8.8 މިލިޔަން އެމެރިކާ ޑޮލަރުގެ ވައްކަމެއް ކުރެއްވި ކަމުގެ ތުހުމަތުގައި އެޤައުމުގެ ކުރީގެ ރައީސާ ގްލޯރިޔާ މަކަޕާގަލް އަރޯޔޯ ހައްޔަރު ކުރުމުގެ އަމުރެއް އެޤައުމުގެ ކޯޓަކުން ނެރެފި އެވެ.

ގްލޯރިޔާ މަކަރު ހައްދަވައިގެން މިހާގިނަ ޢަދަދެއްގެ ފައިސާ ހޯއްދަވާފައި ވަނީ އޭނާގެ ވެރިކަމުގައި ބޭއްވި ލޮޓެރީ އަކަށް ނުފޫޒު ފޯރުއްވައިގެން ކަމަށްވެ އެވެ. މިމައްސަލާގައި ގްލޯރިޔާ ހައްޔަރުކުރުމުގެ އަމުރު ކޯޓުން ނެރެފައި މިވަނީ ފިލިޕީންސްގެ ކޮންގްރެސްގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ޓަކައި އެކަމަށް ބޭނުންވާ ފޯމާއި އެނޫން ލިޔެކިޔުންތައް އެޤައުމުގެ އިންތިޚާބުތަކާ ބެހޭ ކޮމިޝަނަށް އޭނާ ހުށަހެޅުއްވިތާ އެއްދުވަސްވީ ފަހުންނެވެ.

މިމައްސަލައިގެ އިތުރުން ވެސް ވައްކަމުގެ އިތުރު މައްސަލައެއްގެ ތުހުމަތު ގްލޯރިޔާގެ މައްޗަށް ވަނީ ކުރެވިފަ އެވެ. އެއީ އޭނާގެ ވެރިކަމުގެ ދުވަސްވަރު ޕިލިޕީންސްގެ ސަރުކާރުން ޗައިނާގެ އިލެކްޓްރޯނިކް ކުންފުންޏަކާ އެކު ކުރި ކޮންޓްރަކްޓެއްގެ ތެރެއިން ނާޖާއިޒު ގޮތުގައި އެތައް މިލިޔަން ޑޮލަރެއް ހޯއްދެވުމުގެ ތުހުމަތެވެ.

ރިޔާސީ އިންތިޚާބުގައި މަކަރު ހެދުމާއި ދައުލަތުގެ މުދަލާއި ފައިސާ އަށް ޚިޔާނާތްތެރިވިކަމުގެ ކުށް ސާބިތު ވެގެން ދިގު މުއްދަތަކަށް ޖަލަށްލާފައި ވަނިކޮށް ކަފާލާތުގެ ދަށުން ގްލޯރިޔާ މިނިވަންކޮށްފައި ވަނީ މީގެ ދެމަހެއްހާ ދުވަސް ކުރިންނެވެ. ކަފާލާތުގެ ދަށުން ގްލޯރިޔާ މިނިވަންކުރުމަށް ކޯޓުން ނިންމީ އޭނާގެ މައްޗަށް ސާބިތުވެފައިވާ، ރިޔާސީ އިންތިޚާބުގައި މަކަރު ހެދުމާއި ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމުގެ ދެ ކުށް ސާބިތުކުރުމަށް ސަރުކާރުން ދައްކާފައިވާ ހެކިތައް ބަލިކަށިކަމުންނެވެ. ނަމަވެސް މިމައްސަލަ އަދި ނުނިމެ އެވެ. ފިލިޕީންސްގެ ޕްރޮސެކިއުޓާ ޖެނެރަލް ގެންދަ ވަނީ މައްސަލަ އަލުން ކޯޓަށް ވެއްދުމަށް މަސައްކަތް ކުރައްވަމުންނެވެ.

ފިލިޕީންސްގެ ރައީސް އަކީނޯ ވިދާޅުވީ ގްލޯރިޔާގެ މައްޗަށް ޚިޔާނާތާއި ފަސާދަ އާއި ކޮރަޕްޝަންގެ މައްސަލަތަކުގައި ދައުލަތުން ދަޢްވާ ކުރަމުންގެންދަނީ އޭނާގެ ވެރިކަމުގައި މިފަދަ މައްސަލަތައް ގިނަވެފައި މިމައްސަލަތަކުގެ އަޑީގައި ޚުދު އެކަމަނާ ހުންނެވި ކަން ތަޙްޤީޤްތަކުން ހާމަވާތީ އެވެ. މިއީ ސިޔާސީ ދަޢްވާތަކެއް ހެދުމަށް ގްލޯރިޔާ ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ މެދު ކަންބޮޑުނުވާ ކަމަށް ރައީސް އަކީނޯ ވިދާޅުވި އެވެ.

ކޮރަޕްޝަންގެ މައްސަލަ ހައްދުފަހަނަޅާފައިވާ ޤައުމުތަކުގެ ލިސްޓްގައި ހިމެނޭ ފިލިޕީންސްގެ އިޤްތިސާދު ހަލާކުވަމުންދަނީ ކޮރަޕްޝަނުގެ ސަބަބުންކަން ދިރާސާތަކުން ކަށަވަރުވެފައިވާތީ އެޤައުމުގެ މިހާރުގެ ރައީސް ބެނީނޯ އަކީނޯ ވަނީ ކޮރަޕްޝަނާ ދެކޮޅަށް ހަނގުރާމަ އިޢްލާން ކުރައްވާފަ އެވެ. (ނޫސްއެޖެންސީތައް)