އެމްޑީޕީން ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރާ،"ވައުދުގެ ދަތުރު"ގައި ގއ. ގެމަނަފުށްޓަށް ރައީސް ނަޝީދު އަރާވަޑައިގަތުމަށް އުޅުއްވުމުން ނަޝީދާއި އޭނާގެ ޓީމަށް އެރަށު ބަޔަކު ނިކުމެ ހުރަސްއަޅައިފި އެވެ.

އެ ރަށު ކައުންސިލްގެ ރައީސް އާސިމް މުހަންމަދު މިއަދު ވިދާޅުވީ ރައީސް ނަޝީދު އެ އަތޮޅަށް ކުރައްވަމުން ގެންދަވައި ދަތުރުފުޅުގައި މިއަދު ހެނދުނު ގެމަނަފުއްޓަށް އަރާވަޑައިގަތުމަށް ނަޝީދު މަސައްކަތް ކުރެއްވި ނަމަވެސް ބަޔަކު ނުކުމެ ރަށުގެ ނެރު ބަންދުކޮށް ނަޝީދު ވަޑައިގަތް ދޯންޏަށް ފަޅަށް ނުވަދެވޭ ގޮތް ހަދާ އެ ދަތުރާދެކޮޅަށް އަޑުއުފުލިކަމަށެވެ.

"ރައްޔިތުން ތިން ކަމަކާއި ނުރުހުން ފާޅުކުރީ، އެއީ ގައުމަށް މިހާބޮޑު ހިތާމައެއް ކުރިމަވެފައިވާއިރު ރައީސް ނަޝީދު އެކަމަށް ފަރުވާލެއް ނުބަހައްޓަވައި ދަތުރުކުރެއްވުން، އަދި އަނެއްކަމަކީ ކޯޓުއަމުރަށްވެސް ތަބާނުވެ ނަޝީދު ދަތުރަށް ފެއްޓެވުން، ދެން މީގެ ކުރިންވެސް ނަޝީދު ވަޑައިގަތުމުން ހަމަނުޖެހުންތައް ހިނގާފައި ހުރީމައި އެކަމާވެސް ރައްޔިތުން ކަންބޮޑުވޭ،" އާސިމް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ފުލުހުންގެ ޓީމެއްވެސް ގެމަނަފުށީގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެނގިފައިވާ ގޮތުގައި ނަޝީދާ ދެކޮޅަށް ނުރުހުން ފާޅުކޮށްފައިވަނީ ޕީޕީއެމްއަށް ނިސްބަތްވާ ފަރާތްތަކުންނެވެ.

އެ ނުރުހުން ފާޅުކުރުމާ އެކުވެސް ރައީސް ނަޝީދާއި އެ މަނިކުފާނުގެ ޓީމުން ރަށަށް އަރައިވަޑައިގަތީ ފުލުހުންގެ އެހީތެރިކަމާއެކު މެންދުރު 11:00 ޖަހާ އެހާކަންހާއިރު ކަމަށްވެސް އާސިމް ވިދާޅުވި އެވެ. ރައީސް ނަޝީދު އެ ރަށުން ފުރުއްވާނީ ހުކުރު ކުރައްވައިގެން ކަމަށްވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ރަށުތެރެއިންވެސް އެމަނިކުފާނަށް ނުރުހުމާއި ކުރިމަތިވަމުން އަންނަ ކަމަށެވެ.

"ނަމަވެސް މާރާމާރީ ހިންގުން ފަދަ އެފަދަ ކަމެއް ނުހިގާ، ހަމަ އެކަނި ނުރުހުން ފާޅުކުރަނީ،" އާސިމް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ ބަހެއް ހޯދުމަށް އެ ޕާޓީގެ ސްޕޯސްޕާސަން އިމްތިޔާޒު ފަހުމީއަށް ތަކުރާރުކޮށް ގުޅިނަމަވެސް ފޯނަށް ޖަވާބު ނުދެއްވާތީ އެމްޑީޕީގެ ސީދާ ބަހެއް ލިބޭގޮތެއްނުވި އެވެ.

މި މަހުގެ 1 ން 14 އަށް އެމްޑީޕީން ކުރާ އެ ދަތުރުގައި ރައީސް ނަޝީދާ އެކު ބައިވެރިވެ ވަޑައިގަންނަވާ ހާމިދު އަބްދުލް ގަފޫރު ޓުވިޓާގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ އެކްޓިވިސްޓުންގެ އެހީތެރިކަމާ އެކު ރައީސް ނަޝީދު ގެމަނަފުއްޓަށް އަރާވަޑައިގަތުމުން ހޫނު ތަރުހީބެއް ލިބުނު ކަމަށެވެ.

އެމްޑީޕީން ކުރާ ވައުދުގެ ދަތުރުގައި ގއ، ގދ، ޏ އަދި ސ އަތޮޅުގެ ރަށްތަކަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.