ލައިންގެން ހުރި ބޮކްސާ އާއި ކޮންޑަމެއްގެ ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފޮރުވައިގެން ރާއްޖެ އެތެރެ ކުރަން އުޅުނު ދިވެއްސަކު ރޭ ހައްޔަރުކޮށްފި އެވެ.

އެ މީހާ ހައްޔަރުކުރީ ރޭ އިރާކޮޅު ސްރީލަންކާގެ، ކޮލަމްބޯއިން ރާއްޖެ އައި ސްރީލަންކަން އެއާލައިންސްގެ ފްލައިޓުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން މަސައްކަތް ކުރާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ 179 ގްރާމްގެ މަސްތުވާތަކެއްޗާ އެކު ރޭ ހައްޔަރުކުރީ 37 އަހަރުގެ ދިވެއްސެއް ކަމަށެވެ. ނަމަވެސް އޭނާއާ ބެހޭ މައުލޫމާތެއް އޮފިޝަލް ވިދާޅެއްނުވި އެވެ.

އޭނާ ލައިގެން ހުރި ބޮކްސާ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައިހުރީ ޓޭޕް އަޅާ ބަންދުކޮށްފައި އޮތް ކޮތަޅެއްގެ ތެރޭގައި ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ. އެ ކޮތަޅު ތެރެއިން 107 ގްރާމްގެ މަސްތުވާތަކެތި ފެނިފައިވެ އެވެ. އަދި އިތުރަށް ބަލާ ފާސްކުރީއިރު 72 ގްރާމްގެ މަސްތުވާތަކެތި އަޅާފައި އޮތް ރަބަރު ޕެކެޓެއް ފެނުނީ އެ މީހާގެ ފުރަގަސް ފަރާތަށް ޖަހާފައި ހުރި ކޮންޑަމެއްގެ ތެރެއިން ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.

ނަމަވެސް އެއީ މަސްތުވާތަކެތީގެ ކޮން ބާވަތެއް ކަމެއް އަދި ޔަގީނެއް ނުވެ އެވެ. އެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.