ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރައްވާ އަބުރުގެ ދައުވާގެ ޝަރީއަތަށް ރައީސް ނަޝީދު ހާޒިރުވެވަޑައި ނުގަތުމުން ނަޝީދު ދިރިއުޅުއްވާ ގެ، ގ. ކެނެރީ ގޭގައި ކޯޓުން ރަތް ޗިޓް ތަތްކޮށްފި އެވެ.

ކެނެރީ ގޭގެ މައި ދޮރުގައި ސިވިލް ކޯޓުން ތަތްކޮށްފައިވާ ރަތް ޗިޓްގައި ވަނީ ޑިފެންސް މިނިސްޓަރު ނާޒިމް، ނަޝީދުގެ މައްޗަށް "އަބުރާއި ބެހުމުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް ކުރައްވާ ދައުވާގެ" ޝަރީއަތަށް އަންނަ ހޯމަ ދުވަހުގެ 11:00 ޖަހާއިރަށް ކޯޓަށް ހާޒިރުވުމަށް ނަޝީދަށް އަންގާ ކަމަށެވެ. އެ ގަނޑިއަށް ކޯޓަށް ހާޒިރުވެވަޑައި ނުގެންފި ނަމަ ނަޝީދުގެ ޣައިރު ހާޒިރުގައި މައްސަލަ ނިންމާނެ ކަމަށް ޗިޓުގައިވެ އެވެ.

ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ނިހާޔަތު ސޮއި ކުރައްވާފައިވާ އެ ޗިޓް ކެނެރީ ގޭގައި ތަތްކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ވަގުތެއްގަ އެވެ.

މަދަނީ މައްސަލަތަކުގައި ކޯޓުގެ އަމުރަށް ޝަރީއަތުގެ މަޖިލީހަށް ހާޒިރުނުވުމުން، ސިވިލް ކޯޓުން މީގެ ކުރިންވެސް ވަނީ ބައެއް ތަންތަނުގެ ބޭރުގައި ރަތް ޗިޓް ހަރުކޮށްފަ އެވެ.

ނާޒިމްގެ އިތުރުން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވެސް ވަނީ ނަޝީދުގެ މައްޗަށް އަބުރުގެ ދައުވާ ކުރައްވާފަ އެވެ.

އެ ދެ ބޭފުޅުން ނަޝީދުގެ މައްޗަށް އަބުރުގެ ދައުވާ ކުރައްވާފައި ވަނީ ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީ (ކޯނީ) ގެ ރިޕޯޓު ނެރުމަށް ފަހު ޖެހިގެން އައި ދުވަހުގެ ރޭ އުސްފަސްގަނޑުގައި ވާހަކަ ދައްކަވަމުން އެ ދެ ބޭފުޅުންގެ އަބުރަށް ހުތުރުވާ ގޮތަށް ނަޝީދު ވާހަކަ ދައްކަވާފައިވާތީ ކަމަށް އެ ދެ ބޭފުޅުންގެ ގާނޫނީ ވަކީލު ވިދާޅުވި އެވެ

ކޯނީގެ ރިޕޯޓު ނެރުނު ދުވަހާއި ޖެހިގެން އައިދުވަހުގެ ރޭ އުސްފަސްގަނޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޑިފެންސް މިނިސްޓަރު ނާޒިމާއި ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒަކީ ބަޣާވާތް ކޮށްގެން ތިބި ބައެއްކަމަށް އެމަނިކުފާނަށް އަދިވެސް ތުހުމަތު ކުރެވޭތީ އެ ދެބޭފުޅުންނާ ދިމާލަށް "ބާޣީ"އޭ ކިޔުން ނުހުއްޓާނެ ކަމަށެވެ.