05 Oct 2012, 00:49
ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާއިން ގައުމު ސަލާމަތްކުރުމަށް ސީދާ ގޮތުން ހަރަކާތްތެރިވެފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް އަގުވަޒަންކޮށްފައި ނުވާ ފަރާތްތައް ފާހަގަކޮށް ހަދާނީ ފިލާދޭން އެމްއެންޑީއެފްއިން ނިންމައިފި އެވެ.
އެމްއެންޑީއެފްއިން މިރޭ އާންމު ކުރި އިއުލާނެއްގައި ބުނެފައިވަނީ ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާއާ ދިމާކޮށް ކޮންމެ އަހަރަކުވެސް ފާހަގަކުރާ ނަސްރުގެ ދުވަހުގެ މުނާސަބާ މިއަހަރު ވަރަށް ކުލަގަދަކޮށް ފާހަ ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ މިނިވަންކަމާއި ރައްޔިތުންގެ މުދަލާއި ފުރާނަ ސަލާމަތްކުރުމުގެ ގޮތުން ސީދާގޮތެއްގައި ޙަރަކާތްތެރިވެފައިވާ، އެހެންނަމަވެސް އެމީހުންގެ އަގުވަޒަންކުރެވިފައިނުވާ ފަރާތްތަކަށް ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ދޭން ނިންމާފައިވާ ކަމަށެވެ.
އެފަދަ ފަރާތްތައް ފާހަގަކުރުމުގެ ގޮތުން އެމީހެއްގެ ފުރާނައަށް ނުރައްކާތެރިވެފައިވާ ޙާލަތެއްގައިވެސް، ޤައުމާއި ރައްޔިތުންނަށްޓަކައި އަގުހުރި ޚިދުމަތް ކޮށްދެއްވާފައިވާ މީހުން މި އަންނަ ބުދަ ދުވަހުގެ ކުރިން އެކަން އެންގުމަށްވެސް އެމްއެންޑީއެފްއިން ވަނީ އެދިފަ އެވެ.
ނަސްރުގެ ދުވަހާއި ދިމާކޮށް އެ ދުވަހު ޝަހީދުވެ މީހުންގެ ހަނދާނުގައި ހާއްސަ ބިނާއެއް ހެދުމަށްވެސް ވަނީ ނިންމައިފަ އެވެ.