ރާއްޖޭގައި އިންވެސްޓްކޮށްފައިވާ ފޮރިން އިންވެސްޓަރުންނަށް ނަތީޖާ ނެރެވޭ ފަދަ އަދި ކާމިޔާބީއާ ހަމައަށް ވާސިލު ވެވޭނެ ފަދަ މާހައުލެއް ގާއިމްކޮށްދިނުމަށް އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ގޮވާލައިފި އެވެ.

މިދިޔަ ހޯމަ ދުވަހުގެރޭ ޑރ. އަފުރާޝީމް އަލީ އަވަހާރަކޮށްލި ހާދިސާއާ ގުޅިގެން ރާއްޖޭގެ ހާލަތާ ބެހޭ ގޮތުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީގެ ތަރުޖަމާނު ސައްޔިފު އަކުބަރުއްދީން ވިދާޅުވެފައި ވަނީ ގާތް އެކުވެރިއެއްގެ ހައިސިއްޔަތުން ރާއްޖޭގެ ސިޔާސީ ހަމަނުޖެހުމާ މެދު އިންޑިއާ ކަންބޮޑުވާ ކަމަށެވެ.

އަދި ރާއްޖެއަށް ސިޔާސީ ގޮތުން ހަމަޖެހުމާއި ސުލްހަވެރިކަމަކިީ ރާއްޖޭގައި ހަރުދަނާ ޑިމޮކްރަސީއެއް ގާއިމްކުރުމަށާއި އިގުތިސާދީ ކުރިއެރުމަށް ވެސް މުހިއްމު ކަމެއްކަން އިންޑިއާއިން އަބަދުވެސް ފާހަގަކުރަމުން ގޮސްފައި ވާނެ ކަމަށާއި ނަތީޖާ ނެރެ، ކާމިޔާބީއާ ހަމައަށް ވާސިލުވެވޭ ފަދަ މާހައުލެއްް ފޮރިން އިންވެސްޓަރުންނަށް ރާއްޖޭގައި އުފައްދައި ދިނުމަށް ދިވެހި ސަރުކާރަށް ގޮވާލާ ކަމަށެވެ.

"ރާއްޖޭގެ އިގުތިސާދުގެ ކުރިއެރުމާއި ތަރައްގީގައި ސީދާ ގޮތުން ބައިވެރިވާ ފޮރިން އިންވެސްޓަރުންނަށް، ނަތީޖާ ނެރެވޭ، ކާމިޔާބީއާ ހަމައަށް ވާސިލުވެވޭ ފަދަ މާހައުލެއް އުފައްދައި ދިނުމަށް ދިވެހިސަރުކާރަށް ގޮވާލަން،" އަކުބަރުއްދީން ވިދާޅުވި ކަމަށް އިންޑިއާގެ ދަ އިކޮނޮމިކް ޓައިމްސްގައި ވެއެވެ.

ރާއްޖޭގައި އޮތް ސިޔާސީ ހަމަނުޖެހުން ނައްތާލުމަށް އެންމެންގެ މެދުގައި މަގުބޫލު ހައްލެއް ހޯދުމަށް ސިޔާސީ ހުރިހާ ޕާޓީތަކުން ގުޅިގެން މަސައްކަތް ކުރުމަށް ވެސް އިންޑިއާ ސަރުކާރުން ވަނީ ގޮވާލާފައެވެ. އަދި ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށްޓަކައި ޑިމޮކްރެޓިކް އުސޫލުތަކާއި ގާނޫނުގެ ވެރިކަމު އުސޫލުތަކަށް އަމަލުކުރުމަށް ދިވެހި ސަރުކާރަށާއި ރާއްޖޭގެ ސިޔާސީ ޕާޓީތަކަށް އިންޑިއާ ސަރުކާރުން ވަނީ ގޮވާލާފަ އެވެ.

އިންޑިއާއިން އެގޮތަށް ބުނެފައިމިވަނީ އެއާޕޯޓް އޮޕަރޭޓް ކުރާ އިންޑިއާ ކުންފުނި ޖީއެމްއާރުގެ މައްސަލަ ވަރަށް ހޫނުވެ، ޖީއެމްއާރު ބޭރުކުރުމަށް ސަރުކާރުގައި އިއްތިހާދުވެފައިވާ ޕާޓީތަކުން ބައިއަތު ހިފައި މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. އެ މައްސަލަ ހައްލުކޮށްދިނުމަށް މީގެ ކުރިންވެސް އިންޑިއާ ސަރުކާރުން ވަނީ ދިވެހި ސަރުކާރުގައި އެދިފަ އެވެ.