04 Oct 2012, 20:27
ތޫނު އެއްޗަކުން ހަމާލާ ދިނުމަށްފަހު އަވަހާރަކޮށްލާފައިވާ ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ އަނބިކަނބަލުންނަށާއި އޭނާގެ ދަރިކަލުންނަށް މާލީ އިނާޔަތެއް ހަމަ ޖައްސައިދިނުމަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މަޖިލީހުގެ އާންމު ކޮމެޓީގެ ލަފަކަށް އެދިވަޑައިގެންފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ އަފްރާޝީމް އާއިލާއަށް މާލީ އިނާޔަތެއް ހަމަ ޖެއްސުމާމެދު ގޮތެއް ކަނޑައަޅާދިނުމަށް އެދި އަބްދުﷲ ޝާހިދު މަޖިލީހުގެ އާންމު ކޮމެޓީއަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އާންމު ކޮމެޓީން އެކަންތައް ބެއްލެވުމަށް ފަހު ވަރަށް އަވަށް ގޮތެއް ނިންމަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ޑރ. އަފްރާޝިމް އަލީގެ ދޮށީ ފިރިހެން ދަރިފުޅު އައްޔޫބު އަފްރާޝީމް އަލީ 12، ކިޔެވުމުގެ ހުރިހާ ޚަރަދެއް ރައީސުލް ޖުމްހޫރިއްޔާގެ ނައިބު މުހައްމަދު ވަހީދުއްދީން (ޑީން) އަމިއްލަފުޅު ޚަރަދުގައި ބަލަހައްޓަވައި ދެއްވުމަށް ވަނީ ނިންމާވާފަ އެވެ. އަފްރާޝީމް އަވަހާރަކޮށްލިއިރު އަނބިކަނބަލުންގެ އިތުރުން ދެ ފިރިހެން ބޭފުޅުންނާއި އަންހެން ދަރިކަބަލަކު ހުންނަވަ އެވެ.