04 Oct 2012, 19:56
އައިޖީއެމްއެޗްގައި އެޑްމިޓްކުރި ތިން އަހަރުގެ ކުއްޖަކު ނަރުހުންގެ އިހުމާލުން މަރުވެފައިވާ ކަމަށް ބުނެ އާއިލާއިން އެ ހޮސްޕިޓަލްގައި ޝަކުވާކުރަން ފެށުމުން އެކަން ބަލަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
ހޮސްޕިޓަލްގެ އޮފިޝަލަކު މިރޭ ވިދާޅުވީ އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށް މަރުވި ތިން އަހަރުގެ ކުއްޖެއްގެ އާއިލާގެ ފަރާތުން ޝަކުވާތަކެއް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށެވެ. އަދި ބެލުމަށް ފަހު މައްސަލައެއްވާނަމަ ފިޔަވަޅު އަޅާނެ ކަމަށްވެސް ވިދާޅުވި އެވެ.
ނަންނުޖެހުމަށް ޝަރުތުކޮށް އެކުއްޖާގެ އާއިލާއިން ވާހަކަދެއްކި މީހަކު ބުނީ، އުމުރުން ތިން އަހަރުގެ ކުއްޖާ ހުން އައިސް ވަރު ދެރަވެގެން ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އޭޑީކޭ ހޮސްޕިޓަލުން ޑޮކްޓަރަށް ދެއްކުމުން އެޑްމިޓްކުރުމަށް ޑޮކްޓަރު ލަފާދެއްވި ކަމަށެވެ. ނަމަވެސް އެ ވަގުތު އޭޑީކޭ ހޮސްޕިޓަލުގެ ވޯޑުގައި ޖާގަ ނެތުމުން އިމަޖެންސީގައި އައިޖީއެމްއެޗަށް ބަދަލު ކުރި ކަމަށްވެސް އޭނާ ބުންޏެވެ.
އައިޖީއެޗްގެ އިމަޖެންސީ ގައި، އައިވީ ގުޅާފައި ބޭއްވި ނަމަވެސް އައިވީ ހިނގުން ލަސްވާތީ އެކަމާ ޝަކުވާ ކުރުމުން، އައިވީ ނުހިނގާނަމަ މެޝިން އެލާމް އަޅާނެކަމަށް ނަރުހުން ބުނިކަމަށް އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ. އަދި އެދުވަހުގެ ހަވީރުގެ ވަގުތެއްގައި ޑޮކްޓަރު ބެއްލެވި އިރު ކުއްޖާގެ ބީޕީ ވެސް ދަށްކަމަށާއި، އެރޭ 8:50 ވީއިރު ވެސް އެކުއްޖާ ރަނގަޅު ނުވާތީ އައިސީޔޫ އަށް ގެންދަންޖެހޭ ކަމަށް ޑޮކްޓަރު އެންގި ކަމަށް ވެސް އެމީހާ ބުންޏެވެ.
ނަމަވެސް ޑޮކްޓަރުގެ އެންގުމަށް އެކުއްޖާ އައިސީޔޫއަށް ގެންގޮސްފައި ނުވާކަމަށް ވެސްބުންޏެވެ.
ވީގޮތެއް ބަލައިދިނުމަށް ނަރުހުން ކައިރީގައި އެދުމުން، އެ ކުއްޖާގެ ސަބަބުން އެތަނުގައި ތިބި އެހެން ކުދިންނަށް އަޅާނުލެވޭ ކަމަށާއި، އެކުއްޖާއަށް ވީގޮތެއް އެނގޭނީ ޑޮކްޓަރަށް ކަމަށް ނަރުހުން ބުނިކަމަށް ވެސް އޭނާ ބުނެޏެވެ. ނަރުހުން އެގޮތަށް ބުނުމުން ތަކުރާރުކޮށް އެދެންފެށުމުން ޑޮކްޓަރަކު އެތަނަށް ގެނެސް ދިންކަމަށާއި، ޑޮކްޓަރު އައިސް އިތުރަށް ފަރުވާ ދިނުމަށް ފަހު އެހެން ރޫމަކަށް އެކުއްޖާ ވެއްދި ކަމަށް ވެސް އެމީހާ ބުންޏެވެ. އެތަނަށް ވެއްދިތާ ގަޑިއެއްހާ އިރު ފަހުން ކުއްޖާގެ ހާޓް ބީޓް ނުހިފަހައްޓާތީ އިތުރު 10 މިނެޓް ވަންދެން އެކަން ހައްލުކުރެވޭތޯ މަސައްކަތް ކުރާނެ ކަމަށް ޑޮކްޓަރު ބުނިކަމަށް ވެސް އޭނާ ބުންޏެވެ.
އެވަގުތު އެތަނުގައި ހަތަރު ވަރަކަށް ޑޮކްޓަރަކު ތިއްބެވި ކަމަށާއި، އޭގެ ކުޑަ ވަގުތު ކޮޅެއްފަހުން އެ ކުއްޖާގެ މަންމަ އާއި، އެހީތެރިޔަކު އެތެރެއަށް ވަނުމަށް އެންގުމުން އެތެރެއަށް ދިޔައިރު ކުއްޖާ އޮތީ މަރުވެފައި ކަމަށް ވެސް އާއިލާއިން ވާހަކަދެއްކި މީހާ ބުންޏެވެ.