04 Oct 2012, 17:38
ތޫނު އެއްޗަކުން ހަމަލާދިނުމަށްފަހު އަނިޔާވެރިގޮތަކަށް އަވަހާރަކޮށްލާފައިވާ ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ ހަނދާނުގައި ގައުމީ ބޮޑު ޖަލްސާއެއް ބޭއްވުމަށް ރައްޔިތުން މަޖިލީހުން ނިންމައިފި އެވެ.
ރައްޔިތުން މަޖިލީހުގައި މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ ޑރ. އަފްޝީމްގެ ހަނދާނުގައި، އަންނަ ހޯމަ ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ ހޯލްގައި ގައުމީ ބޮޑު ޖަލްސާއެއް ބޭއްވުމަށް ހަމަ ޖައްސަވާފައިވާ ކަމަށެވެ.
ނާޒިމް ވިދާޅުވީ ޑރ. އަފްރާޝީމްގެ ޒިކްރާ އާކުރުމުގެ ގޮތުން ބާއްވާ ބޮޑު ޖަލްސާގައި ރައްޔިތުން މަޖިލީހުގެ ރައީސް އާއި މަޖިލީހުގެ ހުރިހާ މެންބަރުންގެ އިތުރުން ދައުލަތުގެ އިސްވެރިންނާއި މިނިވަން މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް އާއި ރައްޔިތުން މަޖިލީހުގެ ހިމެނޭ ކޮންމެ ސިޔާސީ ޕާޓީއަކުން އެއް މެންބަރެއްގެ އިތުރުން ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައި ނުގަންނަވާ ބޭފުޅަކާއި ޑރ. އަފްރާޝީމްގެ އާއިލާއިން ބޭފުޅަކު އެ ޖަލްސާގައި ވާހަކަފުޅު ދައްކަވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ޑރ.އަފްރާޝީމްގެ ހަނދާނުގައި ބާއްވާ ޖަލްސާއަށް ކުރީގެ ރައީސްކަން ކޮށްފައިވާ ބޭފުޅުންނަށާއި ދައުލަތުގެ އިސްވެރިނަށާއި އިތުރު އެހެންވެސް އިއްޒަތްތެރިންނަށް ދައުވަތު ދެއްވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
"މިއީ އެއްވެސް ކުލައެއްނެތި ކުރިއަށްދާންޖެހޭނެ ކަމެއް. މިއީ އަޅުގަނޑުމެންގެ ގައުމަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއްގެ ވާހަކަ މި ދައްކަނީ. ގައުމަށް ފުން ހިތާމައެއް ލިބިފައިވާ ދަނޑިވަޅެއް މި ދަނޑިވަޅަކީ. އެހެންވީމަ ހުރިހާ ސިޔާސީ ޕާޓީތަކެއްގެ ވެރިންނަށާއި ގައުމުގެ ރައީސްކަން ކުރައްވާފައިތިބެއްވި އެންމެހާ ބޭފުޅުންނަށާއި ދައުލަތުގެ ހުރިހާ ބާރުތަކުގެ ވެރިންނަށް އަޅުގަނޑުމެން މި ޖަލްސާއަށް ދައުވަތު އަރުވާނަން،"
އެ ޖަލްސާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މަޖިލީހު ނައިބު ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުގެ އުއްމީދަކީ މިކަމުގައި ބައިވެވަޑައިގެން މުޅި ދައުލަތް، މުޅިރައްޔިތުން އެކަތިގަނޑަކަށްވެ މިކަންކަމާއި ކުރިމަތިލާ، އަޅުގަނޑުމެނަކީ ބަޔަކު މި ގޮތަށް ކުރިމަތިކުރުވާ ބިރުވެރިކަމަކުން ފަސްޖެހޭނެ ބައެއް ނޫންކަން ދައްކަދިނުން. އަދި އެ އަޒުމުގައި މިންނެތް މަސައްކަތްކުރާނެކަން ރައްޔިތުނަށް ޔަގީކަން ދިނުން،"