ހަތަރު އަތޮޅެއްގައި 1500 ހައުސިން ޔުނިޓް އެޅުމަށް ޗައިނާގެ އެގްޒިން ބޭންކުން ނަގާ 150 މިލިއަން ޑޮލަރުގެ ލޯން ދޫކުރުމުގެ ހުއްދަ ދެވޭނީ އެ މަޝްރޫއާ ގުޅޭ އިތުރު މައުލޫމާތު ކޮމެޓީއަށް ލިބުމުން ކަމަށް މާލިއްޔަތު ކޮމެޓީގެ މެންބަރުން ވިދާޅުވެއްޖެ އެވެ.

އެގްޒިން ބޭންކުން ނަގާ 150 މިލިއަން ޑޮލަރުގެ ލޯނުގެ ހުއްދަ ދިނުމާ ބެހޭ ގޮތުން މިއަދު ބޭއްވި ކޮމެޓީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާ މިއަދު ވިދާޅުވި އެ ލޯނަކީ 20 އަހަރު ދުވަހުން ދައްކާ ހަލާސް ކުރުމަށް އެގްޒިން ބޭނުކުން ދޫކުރާ ލޯނެއް ކަމަށެވެ. އަދި ލޯނުގެ ފައިސާ ދައްކަން ފަށާނީ ލޯނު ދޫކުރާތާ ހަތް އަހަރު ފަހުން ކަމަށެވެ. އަދި ލޯނުގެ އިންޓަރެސްޓްގެ ގޮތުގައި 30 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ އަރާނެ ކަމަށް ލިޔެކިޔުންތަކުން ދައްކާ ކަމަށް ހަމްޒާ ވިދާޅުވި އެވެ.

ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވީ ސަރުކާރާމެދު ދެކެމުން އައި ގޮތް ބަދަލުވެއްޖެ ކަމަށާއި ތަފްސީލެއް ނެތި ހިތައް އެރި ގޮތަކަށް މަޖިލީހުން ކަންތައްތަކެއް ފާސްނުކުރެވޭނެ ކަމަށެވެ. އަދި އިންސާފާއި ހަމައިންނެއްޓި ސަރުކާރުން އަމަލު ކުރަންނުޖެހޭނެ ކަމަށާއި ވަކި ބަޔަކަށް ހައުސިން ޔުނިޓް އެޅުމަށް ބޭކާރު ހަރަދު ކޮންގެން ނުވާނެ ކަމަށް ވެސް ރިޔާޒް ރަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ވިސްނުން ބަދަލުވެއްޖެ. ކޮން ސަކަރާތެއް ޖަހަން މިއުޅެނީ. މި ލޯނު ނަގައިގެން މިކަން ކުރުމާ އަހަރެން ދެކޮޅު ހަދަން. ތަފްސީލު ނުލިބެނީސް މިކަން މިތަކުން ނިންމައިގެން ނުވާނެ،" ރިޔާޒް ރަޝީދު ވިދާޅުވި އެވެ.

ސަރުކާރަށް ފާޑު ވިދާޅުވަމުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުވެސް ވިދާޅުވީ ގެދޮރު އެޅުމަށް ކަމަށްބުނެ ބޮޑެތި ލޯނު ނަގައިގެން ސަރުކާރުން ކުރަން އުޅޭ ކަންތައްތަކުގެ ތަފްސީލް މަޖިލީހަށް ފޮނުވަންޖެހޭނެ ކަމަށެވެ. އަދި އެ ތަފްސީލުތައް ނުފޮނުވާހާ ހިނދަކު އެ މައްސަލަ ކޮމެޓީގައި ޕާކުކޮށްފައި ބޭއްވުމަށް ޖާބިރު އެދިވަޑައިގެންނެވި އެވެ.

މެންބަރުންގެ ވާހަކަތަކަށް ރިޔާތްއަތްކޮށް ކޮމެޓީން ނިންމީ އެކަމުގެ ތަފްސީލް ހޯދުމަށް ފިނޭންސަށް ހުށަހެޅުމަށެވެ. އެއަށްފަހު އެކަމުގައި ކޮމެޓީން ގޮތެއް ނިންމުމަށެވެ.