ހއ. ހޯރަފުށީ ސީވިއު، ހުސެއިން މުހައްމަދު މަނިކު،61 (ހުސޭނުބޭ) މަރާލި ރޭ އޭނާ މަރާލާފައި އޮތް ގޭގެ ކުރިމަތީގައި ތިއްބައި، އެ މައްސަލައިގައި ދައުވާ ލިބޭ ތިން މީހުން ފެނުނު ކަމަށް ދައުލަތުން ހުށަހެޅި މީހަކު ހެކިބަސް ދީފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ކާކުކަން ނޭނގޭ ގޮތަށް ހެކިބަސް ދިން މީހަކު ބުނީ އެ މައްސަލައިގައި ދައުވާ ލިބޭ ހޯރަފުށީ، އުންމީދީމަންޒިލް، އަހުމަދު އިބްރާހިމާއި ސޯސަންވިލާ، ނުއުމާން އަބްދުﷲގެ އިތުރުން ހުސޭނުބެ އަށް ބޮޑުބޭބެ ކިޔާ އެ ރަށު ޅޮހީގޭ މުހައްމަދު ލަތީފް ސެޕްޓެމްބަރު 27، 2010 ދުވަހުގެ ރޭ 10:00 އާއި 10:15 އާ ދެމެދުގެ ވަގުތެއްގައި ހުސޭނުބޭ މަރާލާފައި އޮތް ގޭގެ ކުރި މަތީގައި ތިއްބައި އޭނާ އަށް ފެނުނު ކަމަށެވެ.

ދައުލަތުގެ ވަކީލު ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން އޭނާ ބުނީ އެގޭގެ ދޮރުމަތީގައި އެ ތިން މީހުން ތިބީ ސައިކަލްތަކުގައި ކަމަށާއި އެވަގުތު މަންޒަރު ބަލަން އޭނާ ހުރީ އެ މީހުންނާއި ތިން ފޫޓު ދުރުގައި ކަމަށެވެ.

އޭނާ ހެކިބަސް ދީފައި ވަނީ އެ ތިން މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ އާ ގުޅިގެންނެވެ. އެ ތިން މީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައި ވަނީ އެ މީހުން ހުސޭނުބޭ ރަހީނު ކޮށްގެން އުޅެނިކޮށް އޭނާ މަރުވެފައިވާ ކަމަށް ބުނެ އެވެ.

އެ މީހާގެ އިތުރަށް ދައުލަތުން ހުށަހަޅާފައިވާ އެހެން މީހެއްގެ ހެކިބަސް ވެސް މިއަދު ވަނީ ނަގައިފަ އެވެ. ހުސޭނުބޭގެ ގެއިން އެ ތިން މީހުން ވައްކަން ކުރިކަމުގެ ތުހުމަތުގައި އެ މީހުންގެ މައްޗަށް ކޮށްފައިވާ ވައްކަމުގެ ދައުވާ އާ ގުޅިގެން ދައުލަތުގެ ވަކީލު އެ މީހާ އާ ކުރި ސުވާލަކީ ސެޕްޓެމްބަރު 27، 2010 ދުވަހުގެ ރޭ ހުސޭނުބޭގެ ގޭގެ ކައިރިން އެ ތިން މީހުންގެ ތެރެއިން މުހައްމަދު ލަތީފް ހުއްޓައި ފެނުނު ތޯ އެވެ.

ޖަވާބުގައި އެމީހާ ބުނީ މުހައްމަދު ލަތީފް އެ ގެ ކައިރިން ދުށް ކަމަށާއި އޭނާ އަށް މުހައްމަދު ލަތީފް ފެނުނީ ދިރާގު އެންޓަނާ ކައިރީ ވިއްސާރަ ކޯޓެއް ލައިގެން ހުއްޓައި ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ވެސް އޮންނާނީ ސިއްރުން ހެކިބަސް ނަގާ ގޮތަށް ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް ނެގުން ކަމަށެވެ.

އެ ތިން މީހުންގެ މައްޗަށް ދައުލަތުން ކުރި ވައްކަމުގެ ދައުވާގައި ބުނަނީ ސެޕްޓެންބަރު 27، 2010، ވަނަ ދުވަހުގެ ރޭ 11:00 އެހާކަންހާއިރު އެ ތިން މީހުން ހުސޭނުބޭ ދިރިއުޅޭ ގެއިން 100000 އަށް ވުރެ ގިނަ ރުފިޔާ އާއި 1000 އަށް ވުރެ ގިނަ އެމެރިކާ ޑޮލަރާއި 20 ޔޫރޯ އާއި 11 ޕައުންޑާއި 10 އިންޑިއަން ރުޕީޒް ވަގަށް ނަފާފައިވާ ކަމަށެވެ.