އެމްޑީޕީން ފެބްރުއަރީ 8ގައި މާލޭގައި ކުރި މުޒާހާރާ ރޫޅާލުމަށް ހަރަކާތްތެރިވި ފުލުހުންގެ ތެރެއިން ފުލުހަކު ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އަށް އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ފުލުހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އިންޓެގްރިޓީ ކޮމިޝަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ ހަަށެއް ފެބްރުއަރީގައި އެމްޑީޕީން މާލޭގައި ކުރި މުޒާހަރާއެއްގައި މާރިޔާ އަށް އަނިޔާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ފުލުހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ހުށަހަޅައިފައި ވަނީ މިއަދު ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ހުށަހެޅި ފުލުސް މީހާއާ ބެހޭ އެއްވެސް ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

މީގެއިތުރުން ފެބްރުއަރީ ހަތް ވަނަ ދުވަހު ވެސް ފުލުހުން މާރިޔާ އަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ފެބްރުއަރީ އަށް ވަނަ ދުވަހު އެމްޑީޕީގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކަށް ފުލުހުންތަކެއް އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ވެސް ފުލުހުންތަކެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީީޖީއަށް މިދިޔަ މަހު ވަނީ ހުށަހަޅައިފަ އެވެ.