04 Oct 2012, 15:50
ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކުން އުނިކުރި ފައިސާ އަބުރާ ދޭ ގޮތާމެދު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް އަބްދުﷲ ޔާމިން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ސިވިލް ސާވިސް މުވައްޒަފުންގެ އުނިކުރި މުސާރައިގެ މައްސަލަ ދިރާސާ ކުރަމުންދާ މާލިއްޔަތު ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ޔާމިން ވިދާޅުވީ ސިވިލް ސާވަންޓުންގެ މުސާރަ އިޔާދަ ކުރުމަށް ފިނޭންސުން ދައުލަތުގެ މުއައްސަސާތަކަށް އަންގާފައިވަނީ ދެ ގޮތަކަށް ކަމަށެވެ. އެއީ އޮފީސްތަކުގެ މުވައްޒަފުންގެ މުސާރައަށް ކަނޑައަޅާފައިވާ ބަޖެޓުން ފައިސާ ދެވެން އޮތްނަމަ އުނިކުރި ފައިސާ ދިނުމަށާއި އޮފީސްތަކުގެ އެހެނިހެން ހަރަދު ކުރުމަށް ކަނޑައަޅާފައިވާ ކޯޑުތަކުން އުނިކުރި ފައިސާ ދެމުން ގެންދިއުމަށް ކަމަށެވެ.
ޔާމިން ވިދާޅުވި މުސާރަ އިޔާދަ ކުރުމަށް ފިނޭންސުން އޮފީސްތަކަށް އަންގާފައިވާ އެންގުމަކީ ޒިންމާދާރު ނިންމުމެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ އޮފީސްތަކުގެ އެހެނިހެން ކަންތައްތަކަށް ހަރަދު ކުރުމަށް ބަޖެޓްގައި ޖަހާފައިވާ ފައިސާއިން އުނިކުރި މުސާރަ ދީގެން ނުވާނެ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ އޮފީސްތަކުގެ އެހެނިހެން ކަންކަމަށް ހަރަދު ކުރުމަށް ކަނޑައަޅާފައިވާ ފައިސާއަކީ އޮފީހުގެ އުފެއްދުންތެރިކަން ރަނގަޅު ކުރުމަށް ފައިސާ ބޭނުންވެއްޖެ ހާލަތެއްގައި ފައިސާ ހޯދުމަށް ބަޖެޓްގައި ޖަހާފައިވާ ފައިސާތަކެއް ކަމަށެވެ.
"މިސާލަކަށް އެހެނިހެން ކޯޑްތަކުގެ ގޮތުގައި ޖަހާފައި އިންނަ ފައިސާއިން އޮފީހަށް ކޮންޕިއުޓަރެއް ނުގަނެ، މުސާރަ އިޔާދަ ކުރީމަ ވާނީ ކިހިނެއް. އޮފީހުގެ އުފެއްދުންތެރިކަމާއި ޑެވެލޮޕްމަންޓް ދަށްވާނީ. އެއީ އަޅުގަނޑުމެން ކޮށްގެންވާނެ ކަމެއް ނޫން،" ޔާމިން ވިދާޅުވި އެވެ.
ސިވިލްސާވިސް މުވައްޒަފުނަށް ދެމުންދާ މުސާރައަކީ ނިސްބަތުން ކުޑަ މުސާރައެއްކަން ފާހަގަ ކުރައްވާ ޔާމިން ވިދާޅުވީ ސިވިލްސާވަންޓުގެ އުނިކުރި މުސާރައަކީ ކޮންމެހެން ދޭންޖެހޭ ފައިސާއެއް ކަމަށާއި ނަމަވެސް ފިނޭންސް މިހާރު ކަނޑައަޅާފައިވާ އުސޫލުން ފައިސާ ދިނުމަކީ ބުއްދިވެރިކަމެއް ނޫން ކަމާށެވެ.
އުނިކުރި ފައިސާގެ ގޮތުގައި ސިވިލްސާވަންޓުންނަށް ދޭން ޖެހޭ 442 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ތެރެއިން މިއަހަރު ވަނީ 220 މިލިއަނަށް ވުރެ ގިނަ ރުފިޔާ މުވައްޒަފުނަށް ދޭން ފަށާފައި ކަމަށް މާލިއްޔަތު ކޮމެޓީގެ މެންބަރުން ވިދާޅުވި އެވެ. އަދި ހަމަހަށް ބަހާލައިގެން އެ ފައިސާ މުވައްޒަފުންނަށް ދެމުންދާއިރު އަންނަ އަހަރު ވެސް އެ ފައިސާ މުވައްޒަފުންނަށް ދޭނީ ހަ މަހުގެ ތެރޭގަ އެވެ.
މިއަހަރުގެ ބަޖެޓް މަޖިލީހުން ފާސް ކުރި އިރު، ސިވިލްސާވިސްގެ މުވައްޒަފުންގެ މުސާރަ އިޔާދަ ކުރުމަށް ކޮންޓެންޖެންސީ ބަޖެޓްގައި ފައިސާ ހިމަނާފައިވެ އެވެ. ބަޖެޓްގައި ޖަހާފައި ވަނީ ސިވިލްސާވިސް މުވައްޒަފުންގެ މުސާރައިގެ މައްސަލާގައި ސްޕްރީމް ކޯޓުން މުސާރަ އިޔާދަ ކުރުމަށް ނިންމައިފިނަމަ އެ ފައިސާ ކޮންޓިންޖެންސީ ބަޖެޓްގެ ހިމަނައިގެން ދިނުމަށެވެ. ނަމަވެސް ސްޕްރީމް ކޯޓްގެ މަރުހަލާއަށް ނުދަނީސް ސަރުކާރުން ނިންމީ ދަށު ކޯޓާއި ހައި ކޯޓުން ކުރި ހުކުމާ އެއްގޮތަށް މުސާރަ އިޔާދަ ކުރުމަށެވެ.
މާލިއްޔަތު ކޮމެޓީގެ މިއަދުގެ ބައްދަލުވުން ނިންމާލީ އުނިކުރި މުސާރަ އިޔާދަ ކުރަމުންދާ ގޮތުގެ ތަފްސީލް ފިނޭންސް މިނިސްޓްރީން މާލިއްޔަތު ކޮމެޓީންއަށް އަންގަވާއިދިނުމަށް އެދި ފިނޭންސަށް ސިޓީއެއް ފޮނުވުމަށެވެ.