09 Sep 2010, 08:52
13:55
ލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސާއަށް ތިން ވަނަ ރިޔާސީ ދައުރަކަށް ކުރިމަތިލެއްވޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހުކޮށްފި އެވެ.
ލަންކާގެ ޤާނޫނު ހަދާ މަޖިލީހުން މި އިސްލާހު ފާސްވީ، 161 މެމްބަރުން ވޯޓު ދީގެންނެވެ. މި އިސްލާހާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ 17 މެމްބަރުންނެވެ. 1978 ވަނަ އަހަރުން ފެށިގެން ލަންކާގައި އަމަލުކުރަމުން އަންނަ ޤާނޫނު އަސާސީއަށް އިސްލާހެއް ގެނައުމަށްޓަކައި ދުއިސައްތަ ފަންސަވީސް ގޮނޑީގެ މަޖިލީހުން މަދުވެގެން 150 ވޯޓު ބޭނުންވެ އެވެ.
ރިޔާސީ ދައުރުގެ އަދަދު އިތުރުކުރެވޭ ގޮތަށް އޮތް އިސްލާހު މިއަދު ހެނދުނު ފާސްވުމާ ގުޅިގެން، އުމުރުން 64 އަހަރުގެ ރައީސް މަހިންދަ ރާޖަޕަކްސާ އަށް، އޭނާގެ ދެވަނަ ދައުރު 2016 ވަނަ އަހަރު ނިމުމުން، އަލުން ރައީސް ކަމަށް ވާދަކުރެއްވޭނެ އެވެ. އަދި މި އިސްލާހާއެކު، މިނިވަން މުއައްސަސާތަކުގެ މައްޗަށާއި، ޕޮލިހާއި އަދި ޖުޑީޝަރީގެ މައްޗަށް ރާޖަޕަކްސާއަށް އިތުރަށް ބާރު ފޯރުކުރެއްވޭނެ ކަމަށް ވެސް ލަފާކުރެވެ އެވެ.
އެހެންކަމުން، މި އިސްލާހަށް ފެށުނީއްސުރެ ދެކޮޅު ހަދަމުން އައި ލަންކާގެ މައި އިދިކޮޅު ޕާޓީ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އިން ވަނީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާ ބޯއިކޮޓްކޮށްފަ އެވެ. އިދިކޮޅު މެމްބަރުން ޖަލްސާ ބޯއިކޮޓް ނުކުރެއްވި ނަމަވެސް، އެ އިސްލާހު ފާސްކުރުމަށް ބޭނުންވާ ވޯޓުގެ އަޣުލަބިއްޔަތު ސަރުކާރަށް އޮތީ ޔަގީންކުރެވިފަ އެވެ. އެއީ މަޖިލީހުގެ 154 ވޯޓު މިހާރު ކޮންޓްރޯލް ކުރަނީ ސަރުކާރުން ކަމަށް ވާތީ އެވެ.
ރާޖަޕަކްސާގެ ސަރުކާރުން ބުނަމުންދަނީ، ތަމަޅަ ޓައިގަރުންނާ ދެކޮޅަށް ކުރި ހަނގުރާމައިން އެގައުމު އަރައިގަތުމަށްޓަކައި ކުރަމުންދާ މަސައްކަތްތައް ފުރިހަމަކުރުމަށްޓަކައި، ވެރިކަމުގެ ދައުރު އިތުރު ކުރުން ކޮންމެހެން މުހިންމު ކަމަށެވެ. ނަމަވެސް، އިދިކޮޅު ފަރާތްތަކުން އެކަމަށް ދޭ ރައްދަކީ، "އިސްލާހު ފާސްކުރީ ޚުދުމުހުތާރު ވެރިކަމެއް ގާއިމްކުރުމަށްޓަކައި" ކަމަށެވެ.
އޭޝިޔާގެ ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ވަނީ މި އިސްލާހަށް ފާޑުކިޔައިފަ އެވެ. އެގޮތުން މިއަދަކީ ލަންކާގެ "ކަޅު ބުދަ ދުވަސް" ކަމަށް ލޭބަލްކޮށް އެ ކޮމިޝަނުން ބުނީ، އެ އިސްލާހު ފާސްވުމަކީ، ލަންކާގައި އޮތް ލިބަރަލް ޑިމޮކްރެސީގެ ނިމުން ކަމަށެވެ.
މި އިސްލާހާ ދެކޮޅު ފަރާތްތަކުން ދަނީ ލަންކާގައި ހަމަނުޖެހުން ހިންގަމުންނެވެ. އެގޮތުން އިއްޔެ އާއި މިއަދުވެސް ވެރިރަށް ކޮލޮމްބޯގައި އިދިކޮޅު ފަރާތްތަކުން ވަނީ އަޑުގަދަކޮށްފަ އެވެ. މީގެ އިތުރުން، ޤާނޫނީ ވަކީލުންނާއި، ބައެއް މަދަނީ ޖަމިއްޔާތަކުގެ އިތުރުން ވެސް ބައެއް ފަރާތްތަކުން ގެންދަނީ މި އިސްލާހާ ދެކޮޅަށް އަޑުއުފުލަމުންނެވެ.