ރައްޔިތުން މަޖިލީހުގެ މެންބަރު އަދި ކަލާފާނު ސްކޫލުގެ ބެލެނިވެރިއެއް ކަމަށްވާ ޑރ. އަފުރާޝީމް އަލީ އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލާފައިވުމުން އެހިތާމާގައި ބައިވެރިވުމުގެ ގޮތުން މިއަދު ފާހަގަކުރަން ހަމަޖެހިފައިވާ ޓީޗަރުންގެ ދުވަސް ކަލާފާނު ސުކޫލުގައި ފާހަގަކުރުން ލަސްކޮށްފި އެވެ.

އަވަހާރަކޮށްލާފައިވާ ޑރ. އަފުރާޝީމް އަލީގެ ދޮށީ ދަރިފުޅު އުމުރުން 12 އަހަރުގެ އައްޔޫބު އަފްރާޝީމް އަލީ ކިޔަވަމުން ދަނީ ކަލާފާނު ސްކޫލުގެ ގްރޭޑް ހަތެއްގަ އެވެ.

ކަލާފާނު ސްކޫލުގެ ޕްރިންސިޕަލް ނާޒްލީން ވާފިރު މިއަދު ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިއަހަރު ޓީޗަރުންގެ ދުވަސް ފާހަގަކުރުން މިއަންނަ އާދިތަ ދުވަހަށް ލަސްކުރީ އަފުރާޝިމް އަވަހާރަކޮށްލުމުގެ ހިތާމާގައި ބައިވެރިވުމުގެ ގޮތުން ކަމަށެވެ. އަދި ވިދާޅުވީ އަފްރަޝީމަކީ ވަރަށް ބޮޑަށް ސުކޫލަށް އެހީތެރިކަން ފޯރުކޮއްދެއްވާ ބެލެނިވެރިއެއް ކަމަށެވެ.

"ޑރ. އަފުރާޝިމް އަލީ އަކީ ސްކޫލުން އެދެފި ކޮންމެ ހިނދެއްގައި އެކަމަށް ފުރިހަމައަށް އެއްބާރުލުން ދެއްވާ ބޭފުޅެއް. އެގޮތުން ދީނީ ދަރުސްތައް ދެއްވުމާއި އެފަދަ އެކިއެކި ކަންކަމުގައި އަޅުގަނޑުމެނަށް އެހީތެރިކަން ވެދެއްވާ،" ނާޒްލީން ވިދާޅުވި އެވެ.

އަދި ވިދާޅުވީ އަފްރާޝިމްގެ ދަރިކަލުން އައްޔޫބް މިއަދު ސްކޫލަށް ކިޔަވަން ދިޔަ ކަމަށާއި އެއީ ވަރަށް މޮޅު އިނެޓެލިޖެންޓް ދަރިވަރެއް ކަމަށް ކަމަށް ނާޒްލީން ވިދާޅުވި އެވެ.

ދުނިޔޭގެ ބައިނަލްއަގްވާމީ ޓީޗަރުންގެ ދުވަހަކީ މާދަމާ އެވެ. ނަމަވެސް މާދަމާއަކީ ބަންދު ދުވަހެއް ކަމުން ރާއްޖޭގެ ގިނަ ސްކޫލްތަކެއްގައި މިއަދު ވަނީ ކުލަ ގަދަގޮތަކަށް ޓީޗަރުންގެ ދުވަސް ފާހަގަކޮށްފަ އެވެ.