ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގާ ދައުލަތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރާ ދަޢުވާ އަކީ ސިޔާސީ ދަޢުވާއެއް ކަމަށް ބެލުމުގެ ޖާގަ ވަރަށް ހަނި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދުގެ ބުލޮގްގައި އަންގާރަ ދުވަހު އޭނާ ވިދާޅުވެފައި ވަނީ ކުރީގެ ރައީސްގެ މައްޗަށް ދަޢުލަތުން ކުރާ ދައުވާއަކީ މީގެ ކުރިން ކޮށްފައިވާ ދަޢުވާތަކާ ހުރިހާ ގޮތަކުން ވެސް ތަފާތު ދައުވާއެއް ކަމަށާއި އެ ދައުވާއަކީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް ގާޒީއަކު ހައްޔަރުކުރައްވައިގެން ކުރާ ދައުވާއެއް ކަމަށެވެ.

އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލާގައި ރައީސް ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދަޢުވާއަކީ ސިޔާސީ ދައުވާއެއް ކަމަށް ބެލެވޭނެ ޖާގަ ހަނިވާ ސަބަބުތަކަކީ، މެންބަރު ނަޝީދު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން ފާޅުގައި އަދި ގަސްދުގައި ކުރެއްވި ޤާނޫނު އަސާސީ އާއި ގާނޫނާ ޚިލާފު ޢަމަލުތަކެއް ކަމަށް ތުހުމަތުކުރެވޭ ކަންތައްތަކެއްގެ މައްޗަށް ކަމުގައި ވާތީ އެވެ.

ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ކުރިން ވެރިކަމުގައި ހުންނެވި ބޭފުޅަކަށް ދެރައެއް ދިނުމުގެ މަޤްޞަދުގައި އޭނާގެ ފަހުން ވެރިކަމަށް ވަޑައިގަތް ބޭފުޅަކު، ޒާތީ ކަންތައްތަކެއް ސަރުކާރުގެ ތެރެއިން ހޯއްދަވައިގެން، އެގޮތް މިގޮތުން މަސައްކަތްކުރައްވައިގެން، ޖިނާއީ އަދަބެއް ދިނުމުގެ ނިޔަތުގައި ކުރާ ދަޢުވާއެއް ނޫން ކަމަށް ވެސް ތަޖުރިބާކާރު ގާނޫނީ ވަކީލު އަދި ލޯމޭކާ ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވި ނަމަވެސް، ރާއްޖޭގެ ހުރިހާ ސިޔާސީ ފަރާތްތައް ޞުލްޙަވެ، އެކަތިގަނޑަކަށްވެ، އެކަމަށް ބޭނުންފުޅުވި ކަމަށްވީ ނަމަވެސް، މިހާރު އުފުލާފައިވާ ދަޢުވާ ކުރުމާއި ނުކުރުމާއި އަނބުރާ ގެންދިއުމުގެ ބާރަކީ، ހަމައެކަނި ޕްރޮސިކިއުޓާ ޖެނެރަލް އަށް ގާނޫނު އަސާސީ އިން ލިބިދޭ ބާރެއް ކަމަށެވެ. އަދި ނަޝީދު ވިދާޅުވީ ވެރިކަމުގައި ހުންނަވާ ރައީސެއްގެ މައްޗަށް ވެސް، ޖިނާއީ ދަޢުވާއެއް ކުރުމުގެ ބާރު ޤާނޫނު އަސާސީން ލިބިގެންވާ މީހަކީ ޕީޖީ ކަމަށާއި އަދި، މަގާމުގައި ހުންނެވި ރައީސެއްގެ މައްޗަށް ޕީޖީ ކުރާ އެފަދަ ދަޢުވާއެއް، އެ ވަގުތު ކުރިޔަށް ނުގެންދަން ކަނޑައެޅޭނީ، ޕީޖީ އަށް ކަމަށް ގާނޫނު އަސާސީ އިން ކަނޑައެޅިގެން އެނގޭ ކަމަށެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލަ ތަޙުގީގު ކުރާނެ ކަމަށް މީގެ ކުރިން ވެސް ޕީޖީ ވިދާޅުވެފައިވާ ކަމަށާއި އަދި އެކަމުގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް ދަޢުވާ ކުރާނެ ކަމަށް ޕީޖީ އިއުލާން ކޮށްފައި ވަނީ ރައީސް ނަޝީދު ވެރިކަމުގައި ހުންނަވަނިކޮށް ކަމަށެވެ.

ޢަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ ނިންމެވީ ހިޔުމަން ރައިޓްސް ކޮމިޝަނުގެ ތަހުގީގެއްގައި ބަޔާންވެގެންވާ ނުކުތާތަކެއްގެ މައްޗަށް ކަމަށާއި އަދި އެކަން، ފަހުން ކޯނީގެ ތަހުގީގުން ވެސް ރައީސް ނަޝީދާ ގުޅޭ ގޮތުން ފާހަގަކޮށްފައިވާ ކަން ނަޝީދު ފާހަގަ ކުރެއްވާފައިވެ އެވެ.

"މި ލިޔުމުގައި އަޅުގަނޑު ދައްކާފައިވާ ވާހަކަ ދައްކާފައި އެ ވަނީ، ޝާއިޢުކޮށްފައިވާ މީޑިއާގެ ލިޔުންތަކާއި ގާނޫނު އަސާސީގެ މާއްދާތަކުން ފެންނަން ހުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް، އެ ދަޢުވާއަކީ ސިޔާސީ ދަޢުވާއެއް ކަމަށް ޤަބޫލުނުކުރެވޭ ސަބަބުތައް." ނަޝީދު ބުލޮގްގައިވެ އެވެ.