ދުނިޔޭގެ ފުޓްބޯޅައާ ބެހޭ މައިއިދާރާ "ފީފާ"އިން އިއްޔެ އިއުލާންކުރި "ކޮކާކޯލާ ވޯލްޑް ރޭންކިން" ލިސްޓުން ރާއްޖެ އެއް ދަރަޖަ ފަހަތަށް ޖެހިއްޖެ އެވެ.

ރާއްޖެ އެއް ދަރަޖަ ފަހަތަށް ދިޔަ ކަމުގައި ވިޔަސް، ދެކުނު އޭޝިއާ ސަރަހައްދުގެ އެއް ވަނަ މިފަހަރު ވެސް ލިބުނީ ރާއްޖެއަށެވެ. ދުނިޔޭގެ ރޭންކިންގައި ރާއްޖެ އޮތީ 160 ވަނައިގަ އެވެ.

ސަރައްހަދުގެ އެއް ވަނަ އަށް އޮގަސްޓް މަހު ރާއްޖެ އެރިފަހުން އަދި އެ މަގާމު ގެއްލިފައެއް ނުވެ އެވެ.

ސަރަހައްދުގެ ދެ ވަނާގާއި އެއް ދަރަޖާގެ ކުރިއެރުމަކާ އެކު ނޭޕާލް އޮތްއިރު، ދުނިޔޭގެ ރޭންކިންގައި އެގައުމު އޮތީ 165 ވަނައިގަ އެވެ. އަދި ސަރަހައްދުގެ ތިން ވަނާގާއި އަފްގާނިސްތާން އޮތް އިރު، އެގައުމުން ވެސް ވަނީ އެއްދަރަޖަ ފަހަތަށް ޖެހިލި އިރު، ދުނިޔޭގެ ރޭންކިންގައި އެ ގައުމު އޮތީ 166 ވަނައިގަ އެވެ.

ސަރަހައްދުގެ ހަތަރުވަނާގައި އޮތީ މިފަހަރުގެ ރޭންކިން ލިސްޓުން އެއް ދަރަޖާގެ ކުރިއެރުމެއް ހޯދި އިންޑިއާ އެވެ. އެގޮތުން ދުނިޔޭގެ ރޭންކިންގައި އެގައުމު އޮތީ 168 ވަނައިގަ އެވެ. އަދި އެއް ދަރަޖާގެ ކުރިއެރުމަކާއެކު ސަރަހައްދުގެ ފަސް ވަނަ ލިބެނީ ބަންގްލަދޭޝް އަށެވެ. އެގޮތުން ދުނިޔޭގެ ރޭންކިންގައި އެގައުމު އޮތީ169 ވަނައިގަ އެވެ.

ސަރަހައްދުގެ ހަ ވަނަ މިފަހަރު ވެސް ލިބިފައި ވަނީ ޕާކިސްތާނަށެވެ. އެގޮތުން ދުނިޔޭގެ ރޭންކިންގައި އެގައުމު އޮތީ 177 ވަނައިގަ އެވެ. އަދި އެއްދަރަޖާގެ ވެއްޓުމަކާ އެކު ސަރަހައްދުގެ ހަތް ވަނާގައި ސްރީ ލަންކާ އޮތް އިރު، ދުނިޔޭގެ ރޭންކިންގައި އެގައުމު އޮތީ 180 ވަނައިގަ އެވެ،.

މިފަހަރު ވެސް ސަރަހައްދުގެ އެންމެ ފުލުގައި އޮތީ ބޫޓާނެވެ. އެގޮތުން އެއްދަރަޖަ ފަހަތަށް ޖެހުނު ބޫޓާން ދުނިޔޭގެ ރޭންގިންގައި އޮތީ 207 ވަނައިގަ އެވެ.

ދުނިޔޭގެ އެއް ވަނައިގައި އޮތީ އެންމެ ފަހުގެ ވޯޑްކަޕް އަދި ޔޫރަޕުގެ ޗެމްޕިއަން ސްޕެއިނެވެ. ދުނިޔޭގެ ދެވަނާގައި ޖަރުމަން އޮތްއިރު ތިން ވަނައިގައި އޮތީ އެއްދަރަޖާގެ ކުރި އެރުމެއް ހޯދި ޕޯޗުގަލް އެވެ. ހަތަރު ވަނައިގައި ތިންދަރަޖާގެ ކުރިއެރުމެއް ހޯދި އާޖެންޓީނާ އޮތް އިރު ފަސް ވަނާގައި އޮތީ ދެ ދަރަޖަ ފަހަތަށް ޖެހެލި އިންގްލެންޑަށެވެ.