ތޫނު އެއްޗަކުން ހަމަލާދިނުމަށް ފަހު އަވަހާރަކޮށްލި، ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ ޒިކްރާ އާކުރުމަށް ޕީޕީއެމް އިން ބާއްވާ ތައުބީންގެ ޖަލްސާ މާދަމާ ރޭ އުނގޫފާރުގައި ބޭއްވުމަށް ހަމަޖައްސައިފި އެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ އިންތިގާލީ ނައިބު ރައީސް އަބްދުއްރަހީމް މިއަދު ވިދާޅުވީ އަފްރާޝީމްގެ އުފަންރަށް، އުނގޫފާރުގައި ތައުބީނުންގެ ޖަލްސާ ބޭއްވުމަށް ނިންމެވީ އަފްރާޝީމަށް އާއިލާގެ ބޭފުޅުންނާއި އެ ބޭފުޅާއާ ގުޅުން ހުރި ގިނަ ބޭފުޅުން ތިއްބެވީ އެ ރަށުގައި ކަމަށްވާތީ ކަމަށެވެ.

"އުނގޫފާރު މި ކަނޑައެޅީ ވަރަށް ގިނަ ގޮތްގޮތަށް ބަލާފައި. އަލްމަރުހޫމް ޑރ. އަފްރާޝީމް އަލީ އަކީ އުނގޫފާރުގެ ވަރަށް ހާއްސަ އާއިލާއެއްގެ ބޭފުޅެއް. އަދި މުޅި ރ. އަތޮޅުގައި ވެސް ވަރަށް ގިނަ ބައެއް ލޯތްބާއި އިހްތިރާމް ލިބިވަޑައިގެންފައިވާ ބޭފުޅެއް. މާލެ އަކީ އެ މަނިކުފާނު އަމިއްލަރަށެއް ނޫން. އަނބިދަރިން ފިޔަވައި އާއިލާގެ ހުރިހާ ބޭފުޅުން މި އުޅުއްވަނީ އުނގޫފާރުގައި،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތައުބީނުންގެ ޖަލްސާގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ހުރިހާ މެންބަރުންނާއި ރައްޔިތުން މަޖިލީހުގައި ތިއްބަވާ ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންވާ ބޭފުޅުން އެ ޖަލްސާ ބައިވެރިވެވަޑައިގަންވާނެ ކަމަށެވެ.

ޕީޕީއެމްގެ ދީނީ ގޮފީގެ ރައީސްކަން ކުރެއްވި ޑރ. އަފްރާޝީމްގެ ތައުބީނުންގެ އެ ޖަލްސާގައި ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި ޕީޕީއެމް ކައުންސިލް މެންބަރުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.